ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ތަމްސީލްކޮށް ރައްޔިތުންގެ މަސްލަހަތަށް ވަކާލުތުކޮށް ކަމަށާއި ބައިނަލްއަގްވާމީ އެއްވެސް ފޮރަމެއްގައި އެމަނިކުފާނުގެ ދައުރު އޮޅުވައި ނުލައްވާނެ ކަމަށް ޑރ. ވަހީދުގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެ ބަޔާނެއް ނެރެފައި ވަނީ މި މަހުގެ 21 އިން 22 އަށް ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. ޑރ. ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ފޯރަމްގައި ރައީސް ވަހީދަށް ވަނީ ތަގުރީރު ކުރެއްވުމަށް ދައުވަތަު ލިބިވަޑައިގެންފައި ކަމަށާއި އެގޮތުން ވީޑިއޯ މެސެޖްގެ ޒަރީއާއިން އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފައި ކަމަށެވެ.
އެ ތަގުރީރުގައި ޗައިނާ ސަރުކާރުގެ މުހިއްމު އިސްނެންގެވުންތަކަށް ޑރ. ވަހީދު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. ހަމައެއާއެކު ދެމެހެއްޓެނިވި ނޫ އިގްތިސޯދެއް ކުރުމަށް ހުރި ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ބޭދެވޭ އަސަރުތައް ކުޑަކުރުމާ ބެހޭ ގޮތުން ޑރ. ވަހީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ރައީސް ވަހީދަށް އެ ފޯރަމްގައި ބައވެރިވެވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންފައި ވަނީ ބައިނަލްއަގްވާމީ ތަރައްގީއާއި ޕަބްލިކް ޕޮލިސީގެ ދާއިރާއިން އެމަނިކުފާނަކީ ދެކުނު އޭޝިއާގެ އިލްމުވެރި ތަޖުރިބާކާރު ބޭފުޅެއް ކަމަށް އެ އޮފީހުން ބުނެއެވެ. ހަމައެއާއެކު ސްޓެންފޯޑް ޔުނިވާސިޓީން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާ އަދި އިންސާނިއްޔަތު ކުރިއެރުވުމަށް ގިނަ އަހަރުތަކެއް ހޭދަ ކުރެއްވި ބޭފުޅެއް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މި ފޯރަމްގައި ރާއްޖެއިން ބައިވެރިވި ކަމަށް ބުނެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ. ނަމަވެސް އެ ފޯރަމްގައި ރާއްޖެއިން ތަމްސީލް ކޮށްފައި ނުވާކަން ފާހަގަކޮށް ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔާފައިވާ އިރު ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެގޮތަށް ނިންމާފައިވާ ކަން ވާނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ވެސް އަންގާފައި ކަމަށެވެ. އަދި ރާއްޖޭގެ ވަކި ވަކި ފަރުދުން ނުވަތަ ވަކި ބަޔަކު ބައިވެރިވުމަކީ، ދިވެހި ސަރުކާރުގެ ރަސްމީ ތަމްސީލެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ތި ފޯރަމްގަ ރާއްޖެއިން ބައިވެރިނުވި ސަބަބު އޮޅުންވިލުވައި ދޭންޖެހެއެވެ. މި ސަރުކާރަކީ ނޫ އިގްތިސާދުގެ މަންފާ ހޯދައިދޭން ވައުދުވެ ވެރިކަމަށް އައި ބައެކެވެ. ވަކިފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ދިވެހިންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވޭނެ މަގެވެ.