ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދޭއް އިން މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހު 26 ވަނަ ދުވަހު ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާގެ އަތުން ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

އެގޮތުން، ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން އޭނާ ހުއްޓުވާ ބަލައި ފާސްކުރި އިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަހު 26 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއް، ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު އެ ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން މި ދެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.