މާލެ އާއި ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަހުގެ މުހުލަތެއް ދިނުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާން ހުށަހެޅުއްވި ގަރާރުގައި ބުނީ:

  • ރަށްރަށުގައި ކަރަންޓު މާލެ އަށް ވުރެ އަގުބޮޑުކޮށް ބިލުކުރާތީ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށް
  • ކަރަންޓުގެ އަގު ބޮޑުވުމުން ވިޔަފާރިތައް ހިންގަނީ ގެއްލުމުގައި ކަމަށް

އެ ގަރާރު ދިރާސާކުރުމަށް ފަހު، މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ ގަރާރު ދިރާސާކުރި ރިޕޯޓު މިއަދު ތަޅުމަށް ހުށަހަޅައިފައެވެ. ވޯޓަށް އެހުމުން، އެ ގަރާރު ފާސްކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުން ވެސް ވަނީ ވޯޓު ދެއްވައިފައެވެ.

ގަރާރާ ގުޅިގެން ކޮމިޓީން ވަނީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި ފެނަކައިގެ އިތުރުން ތިމާވެއްޓާ ބެހޭ ވުޒާރާގެ ލަފާ ހޯދައިފައެވެ. އެއަށްފަހު ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މާލެ އަށް ވުރެ ރަށްރަށުގައި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތައް ބޮޑުތަނުން މަދުކަން
  • އެހެންވެ ނުއަގުގައި ގޭބިސީތަކަށް ހިދުމަތް ވިއްކައިގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ހަނިކަން

ކުންފުނިތަކުން ކޮމިޓީގައި ބުނެފައިވާ ގޮތުން، މިހާރުގެ ޓެރިފް ސްޓްރަކްޗާ އޮތް ގޮތަށް ބަލާއިރު ވިޔަފާރި ކެޓަގަރީގެ ޓެރިފްތައް މާލެއާ އެއްހަމަކޮށްފިނަމަ، އެ ކުންފުނިތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެއެވެ.

އެގޮތުން އެ ކުންފުނިތަކަށް އާމްދަނީ ގެއްލުމުގެ ގޮތުގައި 91 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، އެ ހަރަދު ބަޖެޓުން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ފިނޭންސް މިނިސްޓްރީން ކޮމިޓީގައި ބުންޏެވެ. އެހެންކަމުން ކޮމިޓީން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅަން ފާސްކޮށްފައެވެ. އެ ހުށަހެޅުންތަކަކީ:

  • ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ވިޔަފާރިތަކަށް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ފުރިހަމަ ޓެރިފް ރިވިއު އެއް ހެދުމަށް އަންގައި، މާލެ އާއި ރަށްރަށުގައި ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމުން
  • ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ސިސްޓަމްތަކުގެ އެފިޝެންސީ އިތުރުކޮށް، ކުންފުނިތަކާއި ތެލުގެ ހަރަދު ކުޑަކޮށް، އަދި އިޔާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް އެންގުން
  • ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެންގުން