ރާއްޖޭން ސްރީލަންކާ އަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އަލީ ފާއިޒް، މއ. މަނާގެ އައްޔަނުކުރަން މަޖިލިހުން ރުހުންދީފިއެވެ.

ލަންކާ އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް ފާާއިޒް އައްޔަނުކުރުމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓަށް އެހުމުން، ވޯޓު ދެއްވި 62 މެންބަރުން ވެސް ވަނީ ލަންކާގެ ސަފީރު ކަމަށް ފާއިޒް އައްޔަނުކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

ސަފީރު ކަމަށް އައްޔަނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވެވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފައި ވަނީ މި މަހުގެ 21 ގައި ބޭއްވި ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ފާއިޒް މިވަގުތު ހުންނެވީ ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ފުލުހުންގެ ބޯޑުގެ ރައީސްގެ މަގާމުގައެވެ.