ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ހީނުކުރާ ފަދަ ތަފާތު ނަތީޖާތައް ފެންނަމުންދާ އިރު އިއްޔެ ވެސް މިވަނީ މިފަދަ ދެ ނަތީޖާއެއް ފެނިފައެވެ. މިގޮތުން، ޖަޕާނުގެ މައްޗަށް ކޮސްޓާރީކާއިން ހޯދި ކާމިޔާބީއަށް ފަހު މޮރޮކޯއިން ބެލްޖިއަމް ބަލިކުރިތަން ފެނުމަކީ ވެސް ހައިރާން ކަމެކެވެ. ފީފާ ރޭންކިންގްގެ ދެވަނަ ޓީމު ކަމަށްވާ ބެލްޖިއަމް މޮރޮކޯއިން ބަލިކުރީ އެޓީމަށް ވުރެ ހުރިހާ ގޮތަކުން މޮޅަށް ކުޅެ އާދިޔާ ހިލާފު ހިތްވަރެއް ދައްކައިގެންނެވެ.
މޮރޮކޯގެ ކާމިޔާބީއަށް ފަހު އެކި އެކި މަންޒަރުތައް ފެނިފައިވާ އިރު މިމެޗަށް ފަހު ފާހަގަވީ ތިން ކަމަކަށް އަލިއަޅުވާލާނެވެ.
މޮރޮކޯ އަދި ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަދި އޭނާގެ މަންމަ
ބެލްޖިއަމް ކޮޅަށް ލަނޑެއް ޖަހާނެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު މޮރޮކޯގެ އެއްކުޅުންތެރިއަކީ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. ކުރިން ސްޕެއިންގެ ރިއާލް މެޑްރިޑަށް ކުޅެ މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ހަކީމީ އަކީ ޔޫރަޕްގައި މަޝްހޫރު ކުޅުންތެރިއެކެވެ. މޮރޮކޯގެ ވާތް ފަރާތު އަރިމަތިން ކުޅޭ ހަކީމީގެ އިތުރުން ހަކީމް ޒިއެޗްގެ ކުޅުން ވެސް ފާހަގަވީ އިރު މި ދެކުޅުންތެރިން ވަނީ ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ.
މެޗު ނިމުމުގެ ކުރިން ހަކީމީ ބޭލި ނަމަވެސް މެޗު ނިންމާލާ ރެފްރީ ކަށިގަނޑު ފުމެލި ތަނުން ގިނަ ކެމެރާތަކުގައި އަޅައިގަތީ ހަކީމީ އޭނާގެ ޖާޒީ ބޭލުމަށް ފަހު މަންމައަށް ދޭތަނެވެ. އަދި އެއަށް ފަހު އެދެމައިންގެ އެކަކު އަނެކަކަށް ލޯބިން ބޮސްދޭ މަންޒަރެވެ. ކެމެރާގެ ޝޮޓަށް ނާރާ މޮރޮކޯގެ އެހެން ކުޅުންތެރިއަކު ވެސް އޭނާގެ އާއިލާއާއެކު މި ކާމިޔާބީ ފާޅުކުރާކަން އެނގެއެވެ.
ބެލްޖިއަމްގައި މޮރޮކޯގެ ގިނަ ބަޔަކު ދިރިއުޅޭ އިރު ބެލްޖިއަމްގެ ރައްޔިތުންގެ ފަރާތުން މޮރޮކޯ ނަސްލުގެ މީހުންނަށް ލިބޭ ފުރައްސާރައާ ހިތްދަތިކަމަކީ މޮރޮކޯގެ އެކި އެކި ޖީލުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމެކެވެ. ރޭގެ ކާމިޔާބީއަކީ މިފަދަ އެތަށް އަނިޔާއެއް ތަހައްމަލު ކުރި މީހުންނަށް ހޯދައިދިން ކާމިޔާބީއަކަށްވާނެއެވެ.
ޑުބާއީގެ ބުރުޖް ހަލީފާ މޮރޮކޯގެ ދިދައިން ދިއްލާލުން
ދުނިޔޭގެ އެންމެ އުސް އެއް އިމާރާތް ކަމަށްވާ ޑުބާއީގައި ހުންނަ ބުރުޖް ހަލީފާއަކީ އަބަދުވެސް އެކި މުނާސަބަތުތަކާ ގުޅުވައިގެން ދިއްލާ ހަދާ އިމާރާތެކެވެ. ރޭ މި އިމާރާތް ހާއްސަވީ މޮރޮކޯއަށެވެ. މިގޮތުން، މޮރޮކޯގެ ދިދައިން މުޅި ބުރުޖް ހަލީފާ ދިއްލާލާފައި އިން މަންޒަރަކީ ހިތް ގައިމު މަންޒަރަކަށްވީ އިރު މިއީ ޔޫރަޕްގެ ގަދަ ބާރެއްގެ މައްޗަށް މުސްލިމް ގައުމަކުން ކުރި ހޯދުމުން މުޅި މުސްލިމް ދުނިޔެ ވެސް ފަހުރުވެރިވީކަން އަންގައިދޭ ރަމްޒެކެވެ.
ގަތަރު 2022 އަކީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕަށް ވީ އިރު މިމުބާރާތުގައި މުސްލިމް ގައުމުތަކުން ދައްކާފައިވާ ވާދަވެރި ކުޅުމަކާ ހައިރާންކުރުވަނިވި ނަތީޖާތަކެކެވެ. މިގޮތުން އާޖެންޓީނާގެ މައްޗަށް ސައުދީން ހޯދި ކާމިޔާބީއާ އީރާނުން ވޭލްސް ބަލިކުރުމާ މޮރޮކޯއިން ބެލްޖިއަމް ބަލިކުރުމަކީ މީގެ ކުރީގެ ވޯލްޑްކަޕްތަކުން ފެނިފައި ނުވާ ފަދަ ނަތީޖާތަކެކެވެ.
މި ތިން މުސްލިމް ގައުމަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބަ އޮތެވެ.
މޮރޮކޯ މޮޅުވުމުން ބެލްޖިއަމްގައި ހިނގި ހަމަނުޖެހުންތައް
ބެލްޖިއަމްއަކީ މޮރޮކޯ ނަސްލުގެ ގިނަ ބަޔަކު އުޅޭ ގައުމަކަށް ވާ އިރު ބެލްޖިއަމްގެ މައްޗަށް މޮރޮކޯއިން ހޯދި ކާމިޔާބީގެ ސަބަބުން ބެލްޖިއަމްގެ އެކި ސަރަހައްދުތަކުގައި އިއްޔެ ވަރުގަދަ ހަމަނުޖެހުންތައް ވެސް ހިނގިއެވެ. މި ގޮތުން ވެރިރަށް ބެލްޖިއަމްގައި ފުޓްބޯޅަ ފޭނުންވަނީ ފިހާރަތަކަށް ގެއްލުން ދީ ކާރުތަކުގައި ރޯކޮށް ހަދާފައެވެ. އަދި ހަމަނުޖެހުންތައް ރޫޅާލުމަށް ބެލްޖިއަމްގެ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވާ އިރު ހަމަނުޖެހުންތައް ހިންގީ ކޮންބައެއް ކަމެެއް އަދި ސާފެއް ނުވެއެވެ. ބެލްޖިއަމްގެ ފުލުހުން ބުނީ ހަމަނުޖެހުންތަކުގެ ސަބަބުން 11 މީހުން ހައްޔުކޮށްފައިވާ ކަމަށެވެ.
ބެލްޖިއަމްގައި ހަމަނުޖެހުންތައް ހިނގި އިރު މޮރޮކޯގައި ފެނިގެން ދިޔައީ އުފާ ފާޅުކުރުމާ މަޖާ ކުރުމުގެ މަންޒަރުތަކެވެ. މިގޮތުން ވެރިރަށް ރަބާތްގެ މަގުތަކަށް ނިކުމެ މޮރޮކޯ ރައްޔިތުން އުފާ ފާޅުކުރަމުން ދިޔަ އިރު އިއްޔެގެ މެޗަކީ ވޯލްޑްކަޕް މުބާރާތެއްގައި މޮރޮކޯ ކާމިޔާބުކުރި ތިން ވަނަ މެޗެވެ.