މަސްދޯނިތަކުގެ ވަތުގައި ފެންފިނިކުރާ ނިޒާމް ގާއިމުކުރުމުގެ ފުުރުސަތު ފިޝަރީޒް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ ސަރުކާރުގެ ނޫ އިގުތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގުސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އެކު ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީއިން ވަނީ އެ ފައިނޭންސިން ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭންސިން ސްކީމެއް މެދުވެރިކޮށް ކަން ފާހަގަކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން 2 ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މިނސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވާއިރު ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރެވިގެން ދާނެ ކަމަށާއި އެ ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023 ގައި ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ރަޖިސްޓަރީ ކުރެވިފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް މިނިސްޓްރީއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން.
  • އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން.
  • 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުން އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުރުން.
  • އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން.

މީގެ އިތުރުން ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ނަގާފައިވާނަމަ އެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 މަރުހަލާއެއްގެ މައްޗަށެވެ.

އެގޮތުން މަރުހަލާ 1 ގައި އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް އުޅަނދާއި ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ އާރްއެސްޑަބްލިއު އަދި ސޯލާ ޕަވާ ޕެކްގެ ކެޕޭސިޓީ ދެނެގަނެވޭއިރު އެ މަރުހަލާގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށްފަހު ފައިނޭންސިން ސްކީމްގައި ބައިވެރިވުމަށް ދެވަނަ މަރުހަލާ ހުޅުވާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.

ދެވަނަ މަރުހަލާގައި އެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް އެސްޑީއެފްސީގައިއިން ލިސްޓުކޮށްފައިވާ (އެމްޕެނަލްކޮށްފައިވާ) ސަޕްލަޔަރުންގެ ލިސްޓުން ހިޔާރު ކުރުމުގެ ފުރުސަތު އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަށް ލިބިގެންވާއިރު އެ މަރުހަލާގައި ހިޔާރުކުރާ ސިސްޓަމަށް ބިނާކޮށް ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެންވަނީ ހުޅުވާލައިފާވާއިރު އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ ފުރުސަތު ޑިސެންބަރު 31، 2022 ވަނަ ދުވަހުގެ 12 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.