ކޮލަމްބިއާގެ އަންހެން ފަނޑިޔާރެއް ކަމަށް ވާ ވިވިއަން ޕޮލާނިއާ، ތިރި ނިވާ ނުކޮށް އަޑުއެހުމެއްގައި އެނދުމަތީ އޮވެ ސިނގިރޭޓް ބޮނިކޮށް ފަޅާއަރައިފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ޝަތީއަތުގެ މަޖިލީހުގެ އެ މަންޒަރު ފެންނަ ވީޑިއޯ ކްލިޕް ވައިރަލް ވެފައި ވާ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި ވިވިއަން އެނދުމަތީގައި އޮންނަ އިރު އަތުގައި ސިނގިރޭޓެއް އޮވެއެވެ. އަދި މަތިހަށި ނިވާކޮށްގެން އޮތް ނަމަވެސް ތިރިން ޖަންގިޔާ ނޫން އެއްޗެއް ނުލައެވެ.
މި މައްސަލައިގައި އޭނާ 3 މަހަށް ސަސްޕެންޑް ކޮށްފައި ވާ އިރު އޭނާ ބުނެފައި ވަނީ އޭނާ އޮތީ އެނދުމަތީގައި ކަމަށާއި ނަމަވެސް ތިރިން އެއްޗެއް ނުލައި ނޫން ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ވިވިއަންގެ ހުރީ "ނިދި ލޮލެއް" ކަމަށާއި އެ ހާލުގައި ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށް އޭނާގެ މައްަސަލަ ބެލި ކޮމިޓީންވެސް ވަނީ ބުނެފައެވެ. އަދި އެއީ ޖުޑީޝަރީގައި ހެދުން އެޅުމުގެ އަހުލާގީ މިންގަނޑާވެސް ހިލާފު ކަމެއް ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.
34 އަަހަރުގެ މި ފަނޑިޔާރަކީ ހަމަ އެކަނި އަންޑަގާމަންޓްސް އާ އެކު މީގެ ކުރިންވެސް ހުރި ފޮޓޯތަކެއް އާންމު ވެފައި ވާ ފަނޑިޔާރެކެވެ. އޭނާގެ ޓިކްޓިކާއި އަދި ސޯޝަލްމީޑިއާގެ އެހެން ޕްލެޓްފޯމްސް ތަކުގައި ހުރި ގިނަ ފޮޓޯތަކުގައި އޭނާ ހުންނަނީ ތުނި އަދި ކުރު ހެދުމާއި އަދި ހަމައެކަނި އަންޑަގާމަންޓްސް އާ އެކުއެވެ. އަދި އެ ފޮޓޯތައް ނަގާފައި ވަނީ އޭނާގެ ހަަށިގަނޑުގައި ޖަހާފައިވާ 37 ޓެޓޫ ފެންނަ ގޮތަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ވީޑިއޯ ލީކް ވި މި އަޑުއެހުމުގައި ވިވިއަން އެހާލުގައި އޮއްވާ ފެނުނުކަން އޭނާއަށް ރެއަކާލުމުން ކެމެރާ އޮފްކޮށްލި ކަމަށާއި ގަޑިއެއްހާރު ވާންދެން ކެމެރާ ދެން އޮން ނުކުރާ ކަމަށް ހަބަރުތައް ބުނެއެވެ.
ވިވިއަށް ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އެނދުމަތީގައި އޮތީ، އެންޒައިޓީ އެޓޭކެއް އައިސްގެން ކަމަށާއި ވަރަށް ބޮޑަށް ބްލަޑް ޕްރެޝަރު ދަށްވެގެން ކަމަށެވެ. އަދި އެހެން ދިމާވަނީ އޭނާ އާ އެކު މަސައްކަތް ކުރާ އެހެން ކޮލީގުން ބުލީ ކުރާތީ ކަމަށްވެސް ބުނެފައި ވެއެވެ.