ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އެލޮން މަސްކް ޓްވިޓާ ގަތުމާއެކު އުފެދެމުން ދާ ނުތަނަވަސް ކަމުގައި އެޕަލް އާއި ގޫގްލް ސްޓޯރުން ޓްވިޓާ އާ ގުޅޭ ކަންކަން އިތުރަށް ބަލަމުން ދާކަމުގެ ވާހަކަތަކާއެކު، އެ ސްޓޯރުތަކުން ޓްވިޓާ ނަގައިފިއްޔާ ދެން ހަދާނީ ފޯން ކަމަށް މަސްކް ބުނެފިއެވެ.

މަސްކް ބުނީ ޓްވިޓާ ނަގައިފިއްޔާ އެޕަލް އާއި އެންޑްރޮއިޑާ ވާދަ ކުރެވޭ ވަރުގެ ފޯނެއް އުފައްދާނެ ކަމަށެވެ. އޭނާ އެހެން ބުނީ، މީހަކު ކުރި ޓްވީޓަކަށް ރައްދު ދެމުންނެވެ. އެމީހާގެ ޓްވީޓްގައި ބުނީ، އެޕައިލް އާއި އެންޑްރޮއިޑުން ޓްވިޓާ ރިމޫވް ކޮށްފިއްޔާ، މާސް އަށް ދާން ރޮކެޓް ހަދާ މީހާއަށް އާ ފޯނެއް ހެދުމަކީ ބޮޑުކަމަކަށް ނުވާނެ ކަމަށެވެ.

ޖަވާބުގައި މަސްކް ބުނީ، އެކުންފުނިތަކުން އެހެން ހަދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ެހެން ހަދައިފި ނަމަ ދެން ފޯނެއް އުފެއްދުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

މަސްކަށް ޖަވާބު ދިންބައެއް މީހުން އޭނާއަށް ގޮން ޖަހާ، އެޕަލް އާއި އެންޑްރޮއިޑާ ވާދަ ކުރެވޭ ވަރުގެ އިންގިލާބީ ފޯނެއް އުފެއްދި ދާނެ ކަމާ މެދު ސުވާލު އުުފެއްދި އިރު އަނެއް ބަޔަކު މަސްކަށް ތައުރީފު ކުރަމުން ބުނީ، އާ ފޯނެއްގެ ހިޔާލަކީ ރަނގަޅު ހިޔާލެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ޓްވިޓާއިން އިސްތިއުފާ ދިން ޓްރަސްޓް އެންޑް ސޭފްޓީ ހެޑް ޔިއޯލް ރޮތް ބުނީ، ޓްވީޓުގެ ދިގުމިނާއި މަސްކް ޓްވިޓާ އަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން އެޕަލް އާއި ގޫގްލް އިން ގާތުން ބަލަމުން ދާ ކަމަށެވެ. އިތުރަށް އޭނާ ބުނީ މަސްކް ގެންނަން އުޅޭ ބަދަލާއި އެޕައިލް އާއި ގޫގްލްގެ ސިޔާޔަތުތަކާއި އެ ހިދުމަތްތައް ބޭނުން ކުރާ އާންމުންގެ ވިސްނުމާ އަޅާ ކިޔަން ޖެހޭ ކަމަށެވެ. އެހެން ކަމުން ބަދަލެއް ގެންނަ އިރު އެ ހުރިހާ ހިދުމަތެއް ބޭނުން ކުރާ މީހުން އެ ހިދުމަތުގައި ދެމިތިބޭނެތޯ ނޫންތޯ އެ ކުންފުނިތަކުން ބަލާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ޓްވިޓާ ދޫކޮށް އޭނާ ނުކުތް އިތު އެޕް ރިވިއު ކުރާ ކުންފުނިތަކުން އެމަސައްކަތް ފަށާފައި ވާ ކަމަށެވެ.

ހޭޓް ސްޕީޗް (ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ) މިހާރު ޓްވިޓާގައި އިތުރު ވެއްޖެ ކަމަށް ބުނެ، ރުތް ބުނީ، އެއީ އިޝްތިހާރު ކުރާ ފަރާތްތަކާއި، ރެގިއުލޭޓް ކުރާ ފަރާތްތަކާއި ޖުމްލަ ކޮށް އެންމެންނަށް އެގެ އަސަރު ކުރާނެ ކަމަށެވެ. އެހެން ކަމުން ޓްވިޓާގެ އާ ސިޔާސަތުތައް ރިވިއު ކުރާނެ ކަމަށާއި އެކަމުން ދެން ނުކުންނާނެ ނަތީޖާ ބުނަން އޭނާއަށް ނޭނގޭކަމަށް ބުނެފައި ވެއެވެ.

މަސްކް ޓްވިޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ. އެއާއެކު ޓްވިޓާގެ ބޯޑް އޮފް ޑިރެކްޓަރުން ވަކިކޮށް، ދުނިޔޭގެ އެތަން މިތާނގައި ހުންނަ ޓްވިޓާގެ އޮފީސްތަކުން މުވައްޒަފުން ވަޒީފާއިން ވެސް ވަކި ކުރިއެވެ. އަދި ބައެއް އޮފީސްތައް ބަންދުކޮށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމަށް މަސްކް ވަނީ އިއުލާންވެސް ކޮށްފައެވެ.

ޓްވިޓާގައި އެންމެ ގިނަ ބަޔަކު ގަޔާވާ ބްލޫބެޖް ވެރިފިކޭޝަންގެ ސިޔާސަތަށް މިހާރުވެސް ވަނީ ބަދަލުތަކެއް ގެނެސް ޔޫރަޕާއި އެމެރިކާއަށް ބޮލަކަށް 8 ޑޮލަރުގެ މަގުން ވިއްކަން ފަށާފައެވެ. ނަމަވެސް އެ ސިޔާސަތުގެ ދަށުން ފުރަތަމަ ހަފްތާގައި ބެޖް ގަތް އެކައުންޓް ތަކުގެ ތެރޭގައި ފޭކް ބޮޓްތައް ހިމެނުމާއެކު އެ ސާވިސް ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ފަހު އަންނަ ހަފްތާގައި އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަންނަ ހަފްތާގައި ބެޖަށް ހުލުވާލާ އިރު ގޯލްޑް، އަދި ސިލްވާ ބެޖްވެސް ތައާރަފް ކުރާނެ ކަމަށް މަސްކާ ހަވާލާދީ ބައެއް ހަބަރުތައް ބުނެފައި ވާ އިރު މަސްކް ބުނީ ހުސްވި ހަފްތާގައި އެކަނިވެސް 1.6 މިލިއަން ޔޫސާ އިތުރަށް ރަޖިސްޓްރީ ކުރި ކަމަށެވެ.