ޒަމާނުންސުރެ އާމްދަނީ ހޯދުމަށް ކުއްޅަވަކުގެ ވިޔަފާރިކުރުމާއި އެއިން ކާތެކެތި ތައްޔާރު ކުރުމުގައި ނ. ލަންދޫއަކީ ފާހަގަ ކޮށްލެވޭ ރަށެކެވެ. ރަށަށް އަރާ މެހެމާނުންނަށާއި ރަހުމަތްތެރިންނަށް ކުއްޅަވަކުން ތައްޔާރު ކުރާ ކޮންމެވެސް ކަހަލަ ކާ އެއްޗަކުން މަރުހަބާ ކިޔުމަކީ އެ ރަށުގެ ސަގާފަތެކޭވެސް ބުނެވިދާނެއެވެ. ކުއްޅަވަކުން ގިނަ ބާވަތްތަކުގެ ކާ ތަކެތި ތައްޔާރު ކުރާ އިރު މިހާރު ވަނީ ކުއްޅަވަކު އައިސްކްރީމް ވެސް އުފައްދާފައެވެ.

ކުއްޅަވަކުން ތައްޔާރު ކުރާ ކުޅި ކާތަކެތިން ފެށިގެން ގޮސް ފޮނި ކާތަކެއްޗާއި ބުއިންތަކުން ސުފުރާ ފުރާލާ ވަރުގެ ގިނަ އުފެއްދުންތަކެއް ލަންދޫއިން ވަނީ އުފައްދާފައެވެ. އެހެންނަމަވެސް އެ ރަށުގެ ސިއްހީ މަރުކަޒުގެ މެނޭޖަރު ޖައުފަރު ރަޝީދަކީ ޒަމާނާ އެއްގޮތަށް ކުއްޅަވަކުން ކާތަކެތި އުފެއްދުމުގެ މޭސްތިރިޔާއެވެ. ކުއްޅަވަކުގެ މޮހިޓޯއާއި މިލްކްޝޭކް އަަދި ސްމޫތީ އުފެއްދި ޖައުފަރުގެ ހުވަފެނަކަށް ވީ އައިސްކްރީމް ވެސް އުފެއްދުމެވެ.

ކުއްޅަވަކު އައިސްކްރީމް

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ޖައުފަރު ބުނީ އެހެން ވައްތަރުތަކުގެ އައިސްކްރީމް ހަދާހެން ކުއްޅަވަކުގައި އައިސްކްރީމް ހެދޭނެ ކަމަށް އަބަދުވެސް ގަބޫލުކުރި ކަމަށެވެ. 2009 ވަނަ އަހަރު މޮހިޓޯ އާއި މިލްކްޝޭކް ހަދެމުގެ މަސައްކަތް ޖުވޭރިޔާ ވަޖުދީއާއެކު އޭނާގެ ކެފޭގައި ފެށި ނަމަވެސް އެކަން ކުރިއަށް ގޮސްފައި ނުވާ ކަމަށާއި އެކަން ރަސްމީކޮށް ފެށުނީ 2014 ވަނަ އަހަރު މާލެއިން ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ކެފޭއެއް ހުޅުވައިގެން ކަމަށް ޖައުފަަރު ބުނެއެވެ. އަދި ގޭގައި އައިސްކްރީމް ހަދަން މަސައްކަތް ކޮށް ނަތީޖާ ރަނގަޅު ކަމަށްވެސް ޖައުފަރު ވަނީ ފާހަގަ ކޮށްފައެވެ.

ރަސްމީކޮށް ކުއްޅަވަކު އައިސްކްރީމް ބޭނުން ކުރަން ފެށިގޮތް ކިޔައިދެމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވީ ކުއްޅަވަށް ޕްރޮމޯޓްކޮށް ވިއްކުމަކީ ކާބަފައިންގެ ޒަމާނުންސުރެ ކުރަމުން އައި މަސައްކަތެއް ކަމަށާއި އޭރު އެ މަސައްކަތް ކުރަމުން އައީ ލޮނު އަޅައިގެން ރުނބާގައި އުފުލައިގެން ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ ޒަމާނާ އެއްގޮތަށް ކަމަށެވެ.

މަންސޫރު ވިދާޅުވީ އެ ރަށަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންނަށް ވެސް ކުއްޅަވަކުގެ ކޮންމެވެސް ބާވަތަކުން މަރުހަބާ ކިޔުމަކީ ލަންދޫގެ ކޮންމެ ރައްޔިތަކުންވެސް ބޭނުންވާ ކަމެއް ކަމަށާއި ސަރުކާރުގެ ވެރިއަކު ކޮންމެ ވަގުތެއްގައި ވަޑައިގެން ނަމަވެސް ކުއްޅަވަކުގެ ކޮންމެވެސް އެއްޗަކުން މަރުހަބާ ކިޔާ ކަމަށެވެ.

މޮވެންޕިކް ހެޑް ޗެޕް މޮހީޓޯ ތައްޓެއް ހިފަހައްޓައިގެން/ ފޮޓޯ: މަންސޫރު

ކުއްޅަވަކުގެ އައިސްކްރީމް އުފެއްދުމަކީ ޖައުފަރުގެ ވިސްނުމެއް ކަމަށާއި ކައުންސިލުން މަސައްކަތް ކުރީ ޖައުފަރާ ގުޅިގެން އެކަން ކުރުމަށްކަން ފާހަގަކުރައްވާ މަންސޫރު ވިދާޅުވީ ލޯކަލް ޓުއަރިޒަމް އެ ރަށުގައި ފެށުމުގެ ގޮތުން މޫވެންޕިކް ރިސޯޓާއި ކުރެދިވަރު ރިސޯޓާ ގުޅިގެން ހެދި އެއްބަސްވުމަށް ފަހު މޫވެންޕިކް އަކީ އައިސްކްރީމްގެ ކުންފުންޏަކަށް ވާތީ ކުއްޅަވަކު އައިސްކްރީމް އުފެއްދުމުގެ ފުރުސަތު އޮތްތޯ ބަލާދިނުމަށް އެދުނު ކަމަށެވެ.

މޫވެންޕިކްގެ މެނޭޖްމަންޓުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި ރިސޯޓުން ކުއްޅަވަކުގެ މޮހިޓޯއާއި މިލްކްޝޭކް ލިބޭނެ ގޮތް ހަދާ ދިނުމަށް އެ ފަރާތުން އެދުމުން މިލްކްޝޭކާއި މޮހިޓޯ ތައްޔާރު ކުރާނެ ތަކެތި ހިފައިގެން އެ ރިސޯޓަށް ދިޔަ ކަމަށް މަންސޫރު ވިދާޅުވިއެވެ. އަދި އައިސްކްރީމް ހެދޭތޯ ބެލުމަށް ކުއްޅަވަކާއި އޭގެ ފުއް ނަގައިގެން ގެންދިއުމުން 2 ހަފްތާ ފަހުން މޫވެންޕިކް އިން ގުޅާ އައިސްކްރީމް ހެދުމުގެ ފުރުސަތު އޮތް ކަމަށް ބުނި ކަމަށާއި ރަހަ ބަލާ، މާކެޓަށް ނެރުމުގެ މަސައްކަތް ކުރާ ވާހަކަވެސް ބުނި ކަމަށް މަންސޫރު ފާހަގަ ކުރެއްވިއެވެ.

"ދެން އަޅުގަނޑާއި ޖައުފަރު ރަޝީދާއި އެސްޖީ އެކޮޅަށް ގޮސް މިހާރު ވަނީ ރަސްމީކޮށް އައިސްކްރީމް ބޭނުން ކުރަން ފެށިފަ. މިހާރު ކޮންމެ ހުކުރު ދުވަހެއްގެ ރޭ މޫވެންޕިކްގެ ރެސްޓޯރެންޓްތަކުގައި ވަކި ކޯނާއެއް ލަންދޫ އަށް ހާއްސަކޮށް ހުންނާނެ. ލަންދޫގެ ކުއްޅަވަކުގެ ބާވަތްތަކަށް ހާއްސަކޮށް އެގޮތުން ސޯބެ، މޮހިޓޯ، މިލްކްޝޭކް ވެސް ލިބެން ހުންނާނެ"
މަންސޫރު

ރިސޯޓުގައި ޖައުފަރު ކުރިން މަސައްކަތް ކޮށްފައި ހުރުމާއެކު 2016 ވަނަ އަހަރު ލަންދޫގައި ނަރުދަމާ އެޅުމަށް ދިޔަ ޓީމަށް ކުއްޅަވަކުގެ ކެއުމެއް ދިނުމުގެ ގޮތުން މޮހިޓޯ ހަދަން ވިސްނާ އެ ދުވަހު މޮހިޓޯ ހެދި ކަމަށް ޖައުފަރު ބުންޏެވެ.

ކުއްޅަވަކުގެ ބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތްތަކަކީ ބުރަ މަސައްކަތެއް ނަމަވެސް ހިތްހަމަ ޖެހޭ މަސައްކަތެއްގެ ގޮތުގައި ޖައުފަރު ފާހަގަ ކުރެއެވެ.

"ބުރަ މަސައްކަތެއް. ގަނެގެން ކުރާހެން ނުވާނެ. ކުއްޅަވަށް ހޮވައިގެން މަށައިގެން ފެނުއަޅައިގެން މަޑުކޮށްގެން ފުށް ނަގައިގެން ބޭނުން ކުރެވެނީ. ބުރަ ވިޔަސް ހިތްހަމަ ޖެހޭ މަސައްކަތެއް. ހޮވުމާއި ފުއްނެގުމުގެ މަސައްކްތެ ގިނަ ފަހަރު ކުރާނީ އަންހެނުން."
ޖައުފަރު

ކުއްޅަވަކުގެ ފުއްކޮޅު ނަގާމޫވެންޕިކް ރިސޯޓަށް ފުޅި ފުޅިއަށް އަޅާ ފިނިކޮށްފައި ފޮނުވާކަން ފާހަގަކޮށް ޖައުފަރު ބުނީ އެގޮތަށް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކުއްޅަވަކު ފުއް ނަގާ ފިނިކޮށްފައި

މީގެ އިތުރުން އަހިވަކާއި ކަނޑޫގެ ބާވަތްތައް ބާޒާރަށް ނެރުމަކީވެސް ޖައުފަރުގެ ވިސްނުމެކެވެ. ޖައުފަރު ބުނީ ކަނޑޫ ނެރެން ވިސްނަނީ ހަތް ފެނު ކައްކައިގެން ކަނޑޫގެ ހިތި ފިލުވާ ނިންމާ، ވެކިއުމްކޮށް ބަންދުކޮށްގެން ފުރީޒް ކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ގަބުޅި ހުންޏާއި ކުއްޅަވަކުގެ ހާއްސަ ފޮނިކާ އެއްޗެއް ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ވިސްނާ ކަމަށް ޖައުފަރު ވަނީ ބުނެފައެވެ.

ޖައުފަރު އިތުރަށް ވަނީ ލަންދޫގެ ރައްޔިތުން އަދި ޒުވާނުން އަދި މިހާރުގެ ކައުންސިލާއި މީގެ ކުރީގެ ކައުންސިލްތަކާއި ސަރުކާރުތަކުން ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކައުންސިލަރު މަންސޫރު ވިދާޅުވީ ކުއްޅަވަކު އައިސްކްރީމާ އެކު ވަރަށް ދުވަސްވީ އުންމީދެއް ފުރިހަމަވެގެން ދިޔަ ކަމަށާއި އެ އުފައްދުން ލަންދޫގައި މާކެޓްކުރަން މިހާރު ވިސްނުން ހުރި ކަމަށާއި މާލޭގެ ބޮޑެތި ރެސްޓޯރެންޓްތަކުން އެތަކެތި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދީ ރެސްޓޯރެންޓްތަކުން އެ ރަހަ ހުރިހާ އެންމެންނަށްވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރުނޫން މުސްތަގުބަލެއްގައި މާލެ އައިސް މަސައްކަތް ފަށާނެ ކަމަށެވެ.

މަންސޫރާއި މޮވެންޕިކްގެ އޮޕަރޭޝަން މެނޭޖަރު
"ސްޓާޓާއިން ފެށިގެން ޑެސާޓާ ހިސާބަށް ސުފުރާ މަތީގައި އަތުރާލެވޭނެ ބާވަތްތައް ތައްޔާރުކުރެވޭނެ މިހާރު ލަންދޫއިން"
މަންސޫރު

ބައިންލްއަގުވާމީ އެންމެ ވަރުގަދަ އެއް ޑެޒާޓަކީ އައިސްކްރީމް ކަމަށް ވާއިރު އައިސްކްރީމްގެ އިތުރުންވެސް އިތުރު ބާވަތްތައް ނެރުމަށް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.

މަންސޫރު އިތުރަށް ވަނީ އެ މަސައްކަތް ކުރުމަށްޓަކައި މޫވެންޕިކް ރިސޯޓުގެ މެނޭޖްމެންޓާއި އެ ރިސޯޓުގައި މަސައްކަތް ކުރާ ލަންދޫގެ ހުސައިން ސޮބާހުގެ ފަރާތުން އަދި ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ލިބޭ އެއްބާލުމަށް ޝުކުރު އަދާކުރައްވާފައެވެ.