ގެވެށި މާހައުލުގައި ޖިސްމާނީގޮތުން އަންހެނުންނަށް ކުރާ އަނިޔާގެ އިތުރުން، ސޯޝަލް މީޑިއާގައި ވެސް އަންހެނުންނަށް ފުރައްސާރަކޮށް، ނަފްސާނީ އަނިޔާ ދިނުން އިތުރުވެފައިވާ ކަމަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅު ދުވަހާ ގުޅިގެން ނެރުއްވި ބަޔާނުގައި އައްޑޫ މީދޫ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ރޮޒައިނާ ވިދާޅުވީ، ސޯޝަލް މީޑިއާގައި އަންހެނުންނަށް ނަފްސާނީ އަނިޔާ ދިނުން އިތުރުވެފައިވާއިރު، ވަކިން ހާއްސަކޮށް ސިޔާސީ ދާއިރާ އިން ކުރިއަށްދާ އަންހެނުން ވެސް އަނިޔާ ދެމުންދާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި، ގާނޫނު ހަދާ މަޖިލިހާއި، އަދި އެހެނިހެން ކަންކަމުގައި ވެސް އަންހެނުންގެ ބަސް މުހިންމެވެ. އަދި ގައުމީ ކަންކަމުގައި ގިނަ އަންހެނުން ބައިވެރިކުރުން މުހިންމުކަމުގައި ވެސް ވިދާޅުވިއެވެ.

"އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ހިންގުންތެރި އަންހެނުން ސިޔާސީ މަސްރަހުގައި ބައިވެރިކުރުން ވަރަށް މުހިންމު. އަންހެނުން ސަރުކާރާއި ސިޔާސީ މަސްރަހުގައި (ސަރުކާރު، މަޖިލިސް) ކުރިއަށް ދިއުމުގައި އެންމެ މުހިންމު ދައުރު އަދާކުރަނީ ސިޔާސީ ޕާޓީތަކުން."
ރޮޒައިނާ އާދަމް | އަންހެނުންގެ ރޫހުގެ ރައީސް, އެމްޑީޕީ

ނަމަވެސް، އަންހެނުންނަށް ދެމުންދާ ނަފްސާނީ އަނިޔާތަކާއި، އެ މީހުންނަށް ޖިސްމާނީ އަނިޔާކުރުމަށް ކޮންމެ ދުވަހަކު ގޮވާލަމުންދާތީ، އެކަމުގެ ސަބަބުން އަންހެނުން ބާރުވެރިކޮށް، އަންހެނުން ސިޔާސީ ދާއިރާ އަށް ނިކުތުމަށް ހުރަސް އެޅޭ ކަމަށް ރޮަޒައިނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އަންހެނުންނަށް އެކި ގޮތްގޮތަށް ޖިންސީ ފުރައްސާރަކުރުން ވެސް ވަނީ އިތުރުވެފައެވެ.

އަދި މިފަދަ އަމަލުތައް ކުރުމުގައި ފިރިހެނުންގެ އިތުރުން، އަންހެނުން ވެސް ބައިވެރިވާ ކަމަށް ވިދާޅުވެ، ރޮޒައިނާ ވަނީ ސިޔާސީ ހިޔާލު ތަފާތުވުން ހުރި ނަމަވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ގޮވާލައްވައިފައެވެ.

ހަމަ އެއާއެކު، ރޮޒައިނާ ވަނީ އެމްޑީޕީގެ އަންހެން މެންބަރުން ވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެކަކު އަނެކަކުގެ ދިފާއުގައި ނުކުމެ، އެއްބާރުލުންދީ، ބާރުވެރިކުރުވަން ޖެހޭ ކަމުގައި ވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އަނިޔާ ކުރާއިރު އެ އަނިޔާކުރުމާ ދެކޮޅަށް ނުތެދުވެއްޖެ ނަމަ، އެ ކަމެއް ނުހުއްޓުވޭނެ. އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވެދީ ބާރުވެރިކުރުން މުހިންމު."
ރޮޒައިނާ އާދަމް | އަންހެނުންގެ ރޫހުގެ ރައީސް, އެމްޑީޕީ

ރޮޒައިނާ ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި އަންހެނުން އެކަކު އަނެކަކަށް އަނިޔާކުރުމަށް ގޮވާލުމުގެ ބަދަލުގައި، ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިކަން ދިނުމަށް ގޮވާލައްވައިފައެވެ.

އަދި ފަހި މާދަމައަކަށްޓަކައި ހުރިހާ އަންހެނުން އެކީ އަތުގުޅާލައި، އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް އަޑުއުފުލައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރޮޒައިނާ ގޮވާލެއްވިއެވެ.