މުޅި ދުނިޔޭގައި ވޯލްޑްކަޕްގެ ފޯރި ނަގަމުން ދާ އިރު އަދި ދަނޑުތައް ފުރި ސަޕޯޓަރުންނަށް ކޮވިޑެއް ނޭނގޭހެން ހީވާ އިރު، ކޮވިޑް ޒީރޯ ސިޔާސަތެއް ދަމަހައްޓަމުން ދާ ޗައިނާގައި ވޯލްޑްކަޕް އޮތީ ދުން އަޅާފައޭ ބުނެވިދާނެއެވެ. ފޯރިއެއް، ރޫހެއް، އުފަލެއް ނެތެވެ.

ޗައިނާގެ ރައީސް ޝީ ޖިންގްޕިން އަކީ ކުޅިވަރަށް ލޯބި ކުރައްވާ ބޭފުޅެއް ނަމަވެސް، ކޮވިޑް ޒީރޯގެ ސިޔާސަތާއެކު ފޯރިއެއް ނެތެވެ. ނަމަވެސް ވޯލްޑްކަޕް ފެށުމާއެކު ޗައިނާގެ ގައުމީ ޓީވީން މެޗް ދައްކައެވެ. އެނޫން ހަރަކާތެއް ފޯރިއެއް ނެތެވެ.

މިއަހަރުގެ ވޯލްޑްކަޕަށް ޗައިނާ ކޮލިފައި ނުވުމުގެ އިތުރުން ކޮވިޑް ޒީރޯ އާ ހެދި ހުރިހާ ސިޓީތަކެއްގައި މީހުން ތިބީ ފާޑަކަށް ގޭ ބަންދު ވެފައެވެ. ކޮވިޑްގެ އެންމެ ކޭސް އެއް ފެނުނު ނަމަވެސް މުޅި ސިޓީ ލޮކްޑައުން ކުރާ އުސޫލުން މިހާރުވެސް 200 އެތައް ސަރަހައްދެއްގައި 2 މިލިއަނެއްހާ މީހުން ލޮކްޑައުން ވެފައި އެބަ ތިއްބެވެ.

ޗައިނާގައި ވޯލްޑްކަޕް ބެލި ނަމަވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ވޯލްޑްކަޕް ބަލާކަށް ހުއްދައެއް ނެތެވެ. އެބަޔަކު ބަލަންޏާ އެބައެއްގެ ގޭގައި ތިބެގެން ބަލަން ވީއެވެ.

މިއާއެކު އެތައް ބަޔަކު އޮންލައިން ޕްލެޓްފޯމް ތަކުގައި "މި ދުނިޔޭގައި ޗައިނާ އެބައޮތްތޯ" އަހާ ސުވާލު ކުރަމުންވެސް ދެއެވެ.

ޗައިނާގެ ވޫހާނުން ކޮވިޑް ފެނި، އެގައުމުގައި މިއަދާ ހަމައަށްވެސް ތަންފީޒު ކުރަމުން އަންނަނީ ހަރުކަށި ސިޔާސަތެކެވެ. ލޮކްޑައުން ކުރުމާއި، ޕީސީއާރު ހެދުވުމާއި މާސްކް އެޅުން ފަދަ ސިޔާސަތެއް ދަމަހައްޓަމުން އައި ނަމަވެސް ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ކޭސްތައް އިތުރު ވަމުން އައިސް އިއްޔެއާއި މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 28،000 މީހުން ޕޮޒިޓިވް ވި އިރު މިއަދު ވަނީ 31،000 މީހުން ޕޮޒިޓިވް ވެގެން ރެކޯޑް ކޮށްފައެވެ.

މިއީ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ޗައިނާއަށް ބަލާއިރު ކުޑަކުޑަ އަދަދެއް ނަމަވެސް އެގައުމުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ކުއްލިއަކަށް އަދަދުތައް މައްޗަށް ދިޔުމުގައި، ދާދި ފަހުން ލޮކްޑައުން ކުރި އައިފޯން އެސެމްބަލް ކުރާ އެންމެ ބޮޑު ފެކްޓަރީއަށް މުވައްޒަފުން އަރައިގަތުމާއި ލޮކްޑައުން އާ ދެކޮޅަށް ޝެންގެން އާއި ގްއަންގްޒޯ، އަދި ހަނާން ޕްރޮވިންސް ފަދަ ބައެއް ސަރަހައްދުތަކުގައި އާންމުން މަގުމައްޗަށް ނުކުތުން ހިމެނޭ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

ޗައިނާގައި ކޮވިޑް ޖެހިގެން މިހާތަށް މަރުވެފައި ވަނީ 5،200 މީހުންނެވެ. މިއީ ރަސްމީ އަދަދުތައް ނަމަވެސް، މިހާރު އޮތް ލޮކްޑައުންގެ ސިޔާސަތާ ހުރެ، އަތްމަތި ދަތިވެ ކާއެތިކޮޅު ނުލިބި، ޑިޕްރެޝަނަށް ގޮސް އެތައް ބަޔަކު އަމިއްލައަށް ދަނީ މަރުވަމުން ކަމަށް ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ރިޕޯޓު ކުރެއެވެ.