ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް “މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ވަސީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުސަތުތައް އިތުރު ކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިހާތަނަށް ބައިނަލްއަގްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެއެވެ. މި ސަރުކާރުން މިދިޔަ އަހަރު ވަނީ ޓީޓީ ހޯލް އެއް ހުޅުމާލޭގައި ވެސް ހުޅުވާފައެވެ. އަދި މި އަހަރު ފުވައްމުލައް ސިޓީގައި ވެސް ޓީޓީ ހޯލެއް ވަނީ ހުޅުވާފައެވެ.