ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގައި ނޮވެމްބަރު 28، 2021 ގައި ޝައްފާންގެ ގާތިލުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އެ މައްސަލަ ފުރަތަމަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން ވަނީ ބޭރުކޮށްލާފައެވެ. އެހެންނަމަވެސް އެކޯޓުގެ ނިންމުން ބަދަލުކޮށް އެ އިސްތިއުނާފު ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

އިއްޔެގެ މަޖިލީސް ނިންމާލީ ކްރިމިނަލް ކޯޓުން ސާފުކުރަން ޖެހޭ ކަމެއް އޮތް ކަމަށް ބުނެއެވެ. އަދި އެ މައުލޫމާތު ލިބުމުން އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.

މިމައްސަލާގައި އުމުރު ދުވަހަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމްގެ މައްޗަށެވެ.

އައިމަން އަދި ނަބާހްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައި ވާއިރު ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ 21 އަހަރާއި 10 މަހާއި 25 ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ ހަތަރު މީހުން ބަނދުގައި ހޭދަކުރި ތިން އަހަރާއި އެއް މަހާއި ހަތަރު ދުވަހު ޖަލުގައި ހޭދަކޮށްފައި ވާތީ އެ އަދަދު އުނިކުރުމަށް ފަހުއެވެ.

އޮކްޓޫބަރު 11، 2018 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝައްފާން މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ޓީމުން ހާމަކޮށްފައި ވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.