ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަ ޕްރައިވެޓް ބީޗްއެއް ކަނޑައަޅަން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށާއި ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗް ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމެވީ އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓް ހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރި އެއްކަމުން ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން އެ ފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ.
ސަރުކާރުން ދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވާއިރު މި މަސައްކަތުގައި އެޗްޑީސީއިން ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.