ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން، ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އޭނާގެ ބަދަލަށް ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހަމަޖައްސައިފިއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެ މަޖިލީހުގައި ތިއްބެވޭނީ ޖޭއެސްސީގައި ނުތިއްބަވާ ފަނޑިޔާރުން ކަމަށްވާއިރު އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަރުހީޒާ ހައި ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.

ފަރުހީޒާ ވަނީ ގާނޫނީ ދާއިރާއިން މާސްޓާސްއާ ހަމައަށް ތައުލީމު ހާސިލް ކުރައްވާފައެވެ. އަދި ގާނޫނީ ވަކީލުކަމުގައި 10 އަހަރުގެ ތަޖުރިބާ ހުރި ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ބޭފުޅެއްވެސްމެއެވެ.

11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު ވަނީ އިއްޔެ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާފައެވެ.