މުއްސަނދިންނާއި ފަގީރުންނަށް އެއްހަމައަކުން އާސަންދަ ދެމުން އަންނަ އައުން ބަދަލުކުރުމަށް ހާއްސަ ގާނޫނެއް އަންނަ އަހަރު އެކުލަވާލާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ހެލްތު އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައިން ހިދުމަތް ދެމުން އަންނަނީ މުޖުތަމައުގައި ތިބި ހުރިހާ ފަންތިއަކަށް އެއް ހަމައަކުން ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި ނުބައްދަލު ހޭދައެއް އާސަންދައިން ކުރަން މަޖުބޫރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާ މިފްރޭމްވޯކް ނުވަތަ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތުގެ އިންޝިއުރަންސް ނުވަތަ އާސަންނަ ހިދުމަތްތައްދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޖީޑީޕީ މިއޮތް ގޮތުން އެބަޖެހޭ ނިންމަން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ކިހިނެއްތޯ ދޭނީ. އެންމެ ފަގީރު މީހާއަށް ވެސް ނުވަތަ އެފްލޯގައި އެތިބޭ ކޮންމެ މީހަކަށް ލިބެނީ ކިހާވަރަކަށްތޯ
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ

މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލު" މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މި ގާނޫނަކަށް ވުމުން ބޮޑެތި ބަދަލުތަކެއް އައިސް، ދައުލަތުން ކުރަން ޖެހޭ ހަރަދަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންގެ ބޭސްފަރުވާއަށް 2014 އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"އިގެ ދަށުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއެވެ.