މިދިޔަ ހޯމަ ދުވަހު އިންޑޮނީޝިއާގެ ޖާވާއަށް ރެކްޓާ މިންގަނޑުން 5.6 ގެ ބާރުމިނުގައި ބިން ހެލުން އައި އިރު، ދަރިވަރުން ތިބީ ސްކޫލުގައި ކިޔަވާށެވެ. ބިން ހެލުމާއެކު އައި ލޮޅުމުގައި ސްކޫލުގެ ފުރާޅާއި ފާރުތައް ވެއްޓި އެތައް ދަރިވަތަކު ތާށިވިއެވެ.
އޭގެތެރެއިން އެއް ދަރިވަރަކީ އުމުރުން 14 އަހަރުގެ އަފްރިޒަލް މުލިއަދީއެވެ. އޭނާގެ ގައި މައްޗަށް ކްލާސްރޫމުގެ ފާރު ވެއްޓި ތާށިވި ވަގުތު އޭނާ ދަމައިގަތީ ކައިރީގައި ހުރި ޒުލްފިކާރެވެ. ނަމަވެސް އެހާދިސާއިން ޒުލްފިކާރަށް ސަލާމަތް ނުވެވި އުޅެނިކޮށް އޭނާގެ ގައިމައްޗަށް ފުރާޅުވެއްޓި ތާށިވެ އޭނާ ވަނީ މަރުވެފައެވެ.
އޮފިޝަލުން ބުނާ ގޮތުގައި، މިހާދިސާގައި މިހާތަނަށް 103 މީހަކު ވަނީ މަރުވެފައެވެ. އަދި 31 މީހަކު ގެއްލިފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފައެވެ.
ބިން ހެލުން އައި އިރު ސްކޫލުގައި ތިބީ ކިހާ ދަރިވަރުންނެއް ކަން އަދި ސާފު ނުވާ އިރު، އޮފިޝަލުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ، ވެއްޓިފައި ވާ އިމާރާތްތަކާއި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތެވެ.
ޖާވާގެ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި 2200 އެއްހާ ގެ ވަނީ ބިމާ ހަމަވެފައެވެ. އަދި 13،000 އެއްހާ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ.
ބިން ހެލުން އައި ސަރަހައްދަކީ ރަށްފުށުގެ ސަރަހައްދެއް ކަމުން، އެ ސަރަހައްދުގައި ގެދޮރު އިމާރާތް ކޮށްފައި ހުންނަލެއް ދެރަ ކަމުން ލިބުނު ގެއްލުން ބޮޑުވެގެން ދިޔަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ބިން ހެލުން އައި ސަރަހައްދަށް އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވަޑައިގެން މީހުން ސަލާމަތް ކުރުމުގައި އަވަސްވެ ގަތުމަށް އޮފިޝަލުން ވަނީ އިރުޝާދު ދެއްވާފައެވެ.
ބިންހެލުމުގެ އަސަރު 100 ކިލޯމީޓަރުގައި އޮތް ވެރިރަށް ޖަކާޓާއަށްވެސް ކުރި ކަމަށް ހަބަރުތައް ބުނެއެވެ.
އިންޑޮނީޝިއާ އަކީ އާންމުކޮށްވެސް ބިންހެލުން އަންނަ ގައުމަކަށް ވާއިރު، 2018 ގައި އެގައުމަށް އައި ބިންހެލުމެއްގައިވެސް 2000 މީހަކު މަރުވިއެވެ.