"ހުޅުމާލެ ޕްލޭނިން، އަދި އިމާރާތްކުރުމުގެ ގަވައިދު" ހަތް ދުވަހުގެ ތެރޭގައި ގެޒެޓުކުރުމަށް ހައުސިން މިނިސްޓްރީ އަށް އެންގުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ނިންމައިފިއެވެ.

މަޖިލިހުން މިގޮތަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓާ އެކުގައެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ ގެދޮރު 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް އިމާރާތްކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް ހައުސިން މިނިސްޓްރީ އަށް 2018 ގައި ފޮނުވައިފައެވެ. ނަމަވެސް، އެ ގަވައިދު ގެޒެޓުކޮށްފައި ނުވާކަން އެނގި، މައްސަލަ ބަލަން ފަށާފައި ވަނީ 2020 ނޮވެމްބަރުގައެވެ.

އެ މައްސަލަ ބަލައި ދިރާސާކުރުމަށް ފަހު ގަވައިދު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަ އަހަރު ގަވައިދު ކޮމިޓީން ހުށަހެޅި އެ އިސްލާހާ މެދު ހައުސިން މިނިސްޓްރީން ކޮމިޓީ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން، ހުޅުމާލޭގެ ގެތަށް 10 ބުރިއަށް ނެގޭ ގޮތަށް އިސްލާހުކޮށްފި ނަމަ، ހުޅުމާލޭގައި އާބާދީ ގިނަވެ، ރައްޔިތުންނަށް ހިދުމަތްދޭން ހުރި ތަންތަން އެކަށީގެންވާ މިންވަރަށް ވުރެ މަދުވާނެ ކަމަށް ހައުސިން މިނިސްޓްރީ އާ ހަވާލާދީ އެ ރިޕޯޓުގައިވެއެވެ.

މިނިސްޓްރީން އޭރު ބުނީ، އެ ސަބަބާ ހެދި، އެގޮތަށް ގަވައިދު އިސްލާހުކުރުމަށް ނުފެންނަ ކަމަށާއި، އެ މައްސަލައިގައި ސަރުކާރާ އެކު މަޝްވަރާކުރުމަށް ގަވައިދު ގެޒެޓުނުކޮށް މަޑުޖައްސާލީ ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ އިސްލާހުގެ ސަބަބުން އިމާރާތްތަކަށް ފަންގިފިލާ އިތުރުކޮށްފި ނަމަ ފެނުގެ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވެ، އުޅަނދުފަހަރު ޕާކްކުރުމަށް ވެސް އިތުރު ޑިމާންޑުތަކެއް އަންނާނެއެވެ.

ނަމަވެސް އެ މައްސަލައިގައި ކޮމިޓީން ނިންމާފައި ވަނީ، ހައުސިން މިނިސްޓްރީން ވަނީ ގާނޫނުއަސާސީ އާއި، މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފުވެއްޖެ ކަމަށާއި، މަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކަށް އެ މިނިސްޓްރީން ހުރުމަތްތެރިކޮށް ހިތާފައި ނުވާ ކަމަށެވެ.

އެހެންކަމުން މި ރިޕޯޓް ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވައިދު ގެޒެޓުކޮށް، ރައީސް އޮފީހަށް ފޮނުވުމަށް ދެންނެވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

އެކަމަކު މި ރިޕޯޓު ފާސްނުކޮށް، މަޖިލިހުން ވަނީ ބޭރުކޮށްލައިފައެވެ.