އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން މުއްދަތު ހަމަވެފައިވާ ލިޔެކިޔުންންތައް ބޭނުން ކޮށްގެން އެތެރޭގެ އުދުހުންތައް ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުންން ހޯދުމުގައި ދަތިކަން މެދުވެރިވާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވުމާ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށްޓަކައި ލިޔުންތަކުގެ މުއްދަތު ހަމަވެފައި ވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކްއިން ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓް ތަކުން ކާކުކަން ދެނެގަތުމަށްޓަކައި އެލިޔުންތައް ބޭނުން ކުރެވޭނެ ގޮތަށް ހެދި ކަމަށެވެ.
އެތެރޭގެ އުދުހުންތަކަށް ބަލައިގަންނަ ލިޔެކިޔުން ތަކަކީ ޕާސްޕޯޓާއި އައިޑީ ކާޑާއި ވޯކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓް ސެކިއުރިޓީ ފާސްގެ އިތުރުން ސަރުކާރު އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑް ނަންބަރު ޖެހި ރަސްމީ ލިޔުމެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބަލައިނުގަންނާނެ ކަމަށާއި އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށްޓަކައި ބަލައި ގަންނާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެއެވެ.