ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 459 ގްރާމްގެ ކެނަބިސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްއިން ބުނީ، މިތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް އެމްރިކާއިން ރާއްޖެއަށް ގެނެސްފައިވާ ޕާރްސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ޗަްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުން މަސްތިވާތެކިތި ކަމަށް ޝައްކު ކުރެވި އެ ތަކެތި ފުރަތަމަ މަރުހަލާގެ ތެރެއިން ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ކެނަބިސް-ހާބަލް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ ތަކެތީގެ ބަރުދަނުގައި 459 ގްރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީގެ އަގު 367،000 ރުފިޔާ އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ އަދި އެ ތަކެތި ވަނީ މިހާރު ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

މިއީ މި އަހަރު މިހާތަނަށް މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން 5 ވަނަ ފަހަރެވެ. އެގޮތުން މިއަހަރު މިހާތަނަށް 19.44 ކިލޯގެ ކެނަބިސް-ހާބަލް ވަނީ އަތުލައިގެންފައެވެ.