މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ ގިނަ މައްސަލަތަކުގައި ކޯލުތައް ކުރަނީ ސީދާ ޖަލުންނޭ ބުނެވޭނެ ހެއްކެއް ނެތް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން މިފަދައިން ބުނީ އޮޅުވާލައިގެން ފައިސާ އަތުލާ މައްސަލައާ ގުޅިގެން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ބޭންކުގެ އިސް ބޭފުޅުން ހާޒިރުކޮށް އެ ކޮމިޓީގައި މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަށް ޖަވާބު ދެމުންނެވެ.
ސްކޭމް ކޯލްތައް ކުރަނީ ޖަލުންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޗީފް ކޮމްޕްލައިންޓްސް އޮފިސަރު މަރިޔަމް ހަމީދު ވިދާޅުވީ ސޯޝަލް މީޑިއާއާއި ހަބަރުތަކުގައި އެ ވާހަކަ ދެކެވުނު ނަމަވެސް އެ ކަން ކުރަނީ ސީދާ ޖަލުންނޭ ބުނެވެން ނެތް ކަމަށެވެ.
މީގެ އިތުރުން އެ ކޯލްތައް ކުރަނީ ސީދާ ވަކިތަނަކުން ކަމެއް ފުލުހުންވެސް ފާހަގަ ކޮށްފައި ނުވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.
ކޮމިޓީގައި މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މުހައްމަދު ނިމާލް ވިދާޅުވީ ސްކޭމެއް ހިނގައިގެން އެކައުންޓުން ލާރިތަކެއް ގެއްލިގެން ކޯލް އައިސްފިނަމަ ކޮންޓެކްޓް ސެންޓާއިން އެ ކޯލް ޕްރިއޮރަޓައިޒް ކުރަން މަސައްކަތްކުރާ ކަމަށާއި އެހެންނަމަވެސް އެކައުންޓުން ލާރި ގެއްލޭ ހިސާބުން ބޭންކަން ކުރެވޭނެ ކަންކަން ވަރަށް މަދު ކަމަށެވެ.
އެހެން އެކަން ވަނީ ގިނަ ފަހަރު ސްކޭމްކޮށްގެން ފައިސާ ޖަމާކުރާ އެކައުންޓުގައި އެ ފައިސާ ނުހުންނާތީ ކަމަށާއި ގާތްގަނޑަކަށް 95 ޕަސެންޓު މައްސަލަތަކުގައި އެ ލިބޭ އެކައުންޓަކު ފައިސާއެއް ނުހުންނަ ކަމަށެވެ.
ނިމާލް ވިދާޅުވީ އެފަދަ ކޭސްއެއްގެ މައުލޫމާތު ލިބުމުން ބީއެމްއެލްއިން އަމަލުކުރާ ގޮތަކީ ފައިސާ ލިބޭ އެކައުންޓް ވަގުތުން އިންއެކްޓިވް ކުރަނީ ކަމަށާއި އިންއެކްޓިވް ކުރުމުގެ ކުރިން ގިނަ ފަހަރު އެކައުންޓުން ފައިސާ ނަގާފަ ހުންނަ ކަމަށެވެ.