މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަލީ އާޒިމް ވިދާޅުވީ މިހާރުވެސް އެމީހުން ދިރިއުޅެމުންދަނީ ސަލާން ޖަހައިގެން ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަމުންދާ ވަރަށް ގިނަ ބާވްތަކުގެ އަގު މިހާރުވެސް އުފުލިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޑޮލަރުގެ އަގު އުފުލުމާ ޖީއެސްޓީ ބޮޑުކުރުމާއި ގުޅިގެން ގަބޫލުކުރިއަސް ނުކުރިއަސް ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި އިގްތިސޯދީ މާހިރުން ބުނާ ގޮތުން ޖެނުއަރީ 2023 އިން ފެށިގެން ޑޮލަރުގެ އަގު 18 ރުފިޔާ އަށް އަރައިގެންދާނެ ކަމަށެވެ. އަދި އެ ހުރިހާ ކަމަކާއެކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަޖިލީހުގައި އަހާނުލާ ހަ ބިލިއަން ރުފިޔާ ހަރަދުކޮށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުން ކަމަށް އާޒިމް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ބަޖެޓްގެ ދިރާސާ ކުރާ ކޮމިޓީގެ ރިޕޯޓަކީ ޖަޒުބާތުގައި ޖެހިގެންތިބެ، ހަގީގަތާއި ދުރަށް ޖައްސާލައި ގައުމު ބަނގުރޫޓުވުމާއި ދިމާއަށް މިސްރާބު ޖަހާފައިވާ ރިޕޯޓެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދިވެހިންގެ ހާލަތަށް ވިސްނާލުމެއްނެތި އަދި ދިރާސާ ކުރުމެއްނެތި މިހާ ބޮޑު ދަރަނި ބަޖެޓެއް މަޖިލީހުން ފާސްކުރަން ހުށަހަޅައި އެ ބަޖެޓަށް ތާއީދުކުރާނީ ރައްޔިތުން ނިކަމެތިކޮށް ގައުމު ބަނގުރޫޓު ކުރަން ވިސްނާފައި ތިބި މީހުންކަމާއިމެދު ޝައްކެއް ނެތް ކަމަށެވެ.