މާލޭގެ ބައެއް ސަރަހައްދުތަކުގައި ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް ސްކްރީންތައް ބަހައްޓާތީ ބައެއް މަގުތައް ބަންދު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ވޯލްޑްކަޕް އާ ދިމާކޮށް މެޗް ބެލުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތައް ބަންދު ކުރަން އެދެމުންދާ ކަމަށެވެ. އެހެން ކަމުން އެ ކައުންސިލުން މަގު ބަންދުކުރުމުގައި އަމަލުކުރަމުން ދާނީ ވަކި އުސޫލެއްގެ ދަށުން ކަމަށް ބުނެއެވެ.

މިގޮތުން މެޗް ފެށުމުގެ 30 މިނިޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނިޓާ ހަމައަށް މަގު ބަންދުކުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ، މެޗް ނިމުމަށް ފަހު ބަންދު ކުރެވިފައިވާ ސަރަހައްދު ދަތުރު ފަތުރު ކުރެވޭނެ ފަދަ ހާލަތަށް ގެންނަން ވާނެ ކަމަށެވެ. އަދި މެޗު ފެށުމުގެ މާ ކުރިން ވެސް ސަރަހައްދު ބަންދު ކޮށްގެން ނުވާނެ ކަމަށާއި ބަންދު ކުރުމަށް ހުއްދަދެވޭ ސަރަހައްދު ތަކުގެ ލިސްޓް ކައުންސިލްގެ ވެބްސައިޓް އަދި ޓްވީޓާއިން ހާމަކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރާއްޖޭ ގަޑިން 9 ޖަހާ އިރު މުބާރާތުގެ ފުރަތަމަ މެޗު ކުޅޭ އިރު މިމެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގަތަރާއި އެކުއަޑޯއެވެ.

32 ޓިީމު ވާދަކުރާ ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.