ހުޅަނގާއި އެމެރިކާއަށް ބޯ ނުލަނބާ އުތުރު ކޮރެއާގެ ލިޑަރު ކިމް ޖޮންގް އުން ގެ އަންހެން ދަރިފުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ދައްކާލައިފިއެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ޓެސްޓް ކުރި ބެލެސްޓިކް މިސައިލް ޓެސްޓް ކުރާ ތަނަށް ދަރިފުޅާއި އަންހެނުން ގޮވައިގެން ވަޑައިގެންނެވި އިރު، ދެބަފައިން ފެންނަނީ، އަތުގުޅާލައިގެން މިސައިލެއްގެ ކުރިމަތިން ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.

މިކަން ޔަގީން ކޮށްދެމުން ނޯތު ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ބުނީ، ދެބަފައިންނާއި އަންހެނުން މިސައިލް ޓެސްޓް ސައިޓަށް ވަޑައިގަން ކަމަށެވެ.

އުތުރު ކޮރެއާއިން އިއްޔެ ޓެސްޓް ކުރި މިސައިލަކީ، 1000 ކިލޯމިތަރުގެ ރާސްތާއެއް ލިބިފައިވާ މިސައިލެކެވެ.

ކިމްގެ އަނބިކަނބަލުންނާއި ބޭފުޅުން ތިބޭކަން އެނގުނަސް މީގެ ކުރިން ފޮޓޯ އާންމުކޮށްފައެއް ނުވެއެވެ. ހަބަރުތައް ބުނާ ގޮތުން، ކިމްގެ 3 ބޭފުޅުން ތިއްބައެވެ. އެއީ 2010، 2013 އަދި 2017 ގައި ލިިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

އިއްޔެ ފޮޓޯ އާންމު ކުރި އަންހެން ދަރިކަލުންގެ ނަން އެގައުމުގެ ނޫސް އިދާރާތަކުން ހާމަ ކޮށްފައި ނުވި ނަމަވެސް، 2013 ވަނަ އަހަރު ކިމްގެ އާއިލާއާ ބައްދަލު ކުރި ބާސްކެޓްބޯޅަ ތަރި ޑެނިސް ރޮޑްމަން އާ ހަވާލާދީ ގާޑިއަން ނޫހުން ބުނެފައި ވާ ގޮތުގައި، ކިމްގެ އަންމެ ހަގު ދަރިކަނބަލުންގެ ނަމަކީ ޖޫ އައި އެވެ. އަދި އަނބިކަނބަލުންގެ ނަމަކީ ރި ސޮލް ޖޫ އެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓްތަކެއް ފުލުފުލުގައި ކޮށްފައި ވާ އިރު، މިއީ ކޮރެއާ ސަރަހައްދުގައި އެމެރިކާއާއި ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން އަސްކަރީ ތަމްރީނުތަކެއްވެސް ކުރިއަށް ގެންދާ ދަނޑިވަޅެކެވެ.

އުތުރު ކޮރެއާއިން ބުނެފައި ވާ ގޮތުގައި، އެ ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިސައިލް ޓެސްޓް އަދިވެސް ކުރާނެއެވެ. އުތުރު ކޮރެއާއިން ވަނީ މި ނޮވެމްބަރު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މިސައިލް ޓެސްޓް ކޮށްފައެވެ. އެ ގޮތުން އެއް ދުވަހަކާ އެންމެ ގިނައިން ޓެސްޓް ކުރީ މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު 17 މިސައިލް ޓެސްޓް ކުރިއެވެ.