ފެނަކައިން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސް 32 މުވައްޒަފުންނާއެކު މި މަހުގެ 14 ވަނަ ދުވަހު ވަނީ ފަށާފައެވެ.
ފެނަކައިން ބުނީ މިދިޔަ އެ މުވައްޒަފުންނަކީ މި ދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ކަމަށެވެ.
އެ ކޯސް ހިންގުމުގެ މައިގަނޑު މަގުސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ހުދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުމަށް ކަމަށާއި އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ތަމްރީނެއް ރެފްރިޖެރޭޝަން ދާއިރާއިން ލިބިފައި ނުވާތީ އެ ދާއިރާގެ ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 3 ގެ ކޯހެއް އެ ދާއިރާއަށް އަމާޒުކޮށްގެން ފެށީ ކަމަށެވެ.
ފެނަކައިން ބުނީ އެ ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެ ގޮތާއި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލްތަކާއި ރެފްރިޖެރޭޝަންގެ ސައިސަލާއި ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެ މަސައްކަތްތައް ދަސްކޮށްދޭނެ ކަމަށެވެ. އަދި ކޮންމެ އައިސް ޕްލާންޓުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެންދާ މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް އެ ދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކަ އިންސްޓިޓިއުޓް ފޮ ޓްރެއިނިން ރިސާޗް އަކީ އޮކްޓޯބަރު 7، 2020 ގައި ވަރަށް މާތް މަގުސަދެއްގައި އުފެދިގެން ދިޔަ އިންސްޓިޓިއުޓެއް ކަމަށާއި އެގޮތުން ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުން އެކިއެކި ދާއިރާތަކުން ތަމްރީން ކުރަމުންދާ ކަމަށާއި މިއަދާ ހަމައަށް 245 މުވައްޒަފުންނަށް ފުރުސަތު ލިބި އޭގެ ތެރެއިން ބައެއް މުވައްޒަފުން އެ ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކަ އިންސްޓިޓިއުޓްއިން މިހާރު ކިޔަވައިދެމުން ގެންދަނީ އެކިއެކި ޓެކްނިކަލް ދާއިރާ ތަކުން ކަމަށްވާއިރު މުވައްޒަފުން ބިނާކުރުމުގައި ފެނަކަ އިންސްޓިޓިއުޓްއިން ދަނީ ނަމޫނާ ދައްކަމުންނެވެ.