އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި 6.4 މިލިއަން ރުފިޔާ ހިމެނުމަށް ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، އަރަބިއްޔާގެ އިމާރާތް ހިމަނާފައި ނެތެވެ. އެކަމާ ގުޅިގެން އޭރު ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި އެކަމަށް ވަކިން ފައިސާ ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެ މަޝްރޫއަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށްފަހު ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު އަރަބިއްޔާ ސްކޫލު އަޅަން އަންނަ އަހަރުގެ ބަޖެޓުން 6.4 މިލިއަން ރުފިޔާ ކަނޑައެޅުމަށް މިއަދު ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓަށް މި އަދަދު އިތުރުކުރުމަށްފަހު ބަޖެޓް ކޮމިޓީން އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

1000 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔަ (އަމީނިއްޔާ ކުރިމަތީގައި ހުރި އިމާރާތް) އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. އެހެންނަމަވެސް ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކްލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

މިނިސްޓްރީއިން ބުނީ އަރަބިއްޔާގެ ސްކޫލް އިމާރާތް ކުރެވިގެން ދާނީ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ކަމަށާއި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތް ކުރެވިގެން ދާނީ 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތަކާއި އެކު ހެދިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ސްކޫލްގެ މުވައްޒަފުންގެ ފާކުކުރުމަށް ފާކިން އޭރިއާއެއް ޑިޒައިންގައި ހިމެނޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

އަމީން ކޮންސްޓްރަކްޝަނާ އަރަބިއްޔާ ސްކޫލް އާ އިމާރާތުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 168 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީއިން ބުނީ އެ އިމާރާތް ނިމުމުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށެވެ.