ހއ.ދިއްދޫގައި އެޅުމަށް ނިންމާފައިވާ ހައުސިންގ 75 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ، ދެ ފަންގިފިލާގެ 75 ރޯހައުސް އިމާރާތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެ ކަމަށެވެ. އަދި މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި 75 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައި ދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ދިއްދޫ ކައުންސިލް މެންބަރުން އަދި މި ޕްރޮޖެކްޓް ކޮންޓްރެކްޓާ، އެސްޖޭ ކުންފުނީގެ މަންދޫބެކެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޮގަސްޓް 10، 2022ގައެވެ.

މި މަޝްރޫއަކީ ޖުމްލަ 120،405،400 ރުފިޔާއަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.