ޗައިނާގެ ވިޔަފާރީގެ މުހިންމު ރަށެއް ކަމުގައިވާ ގްއަންގްޒޯ ގެ ހައިޒޫ އަވަށުގެ ރައްޔިތުން ލޮކްޑައުން އިން ނުކުމެ ފުލުހުންނާ ކުރިމަތިލައިފިއެވެ.

އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އާންމުން މަގުތަކަށް ނުކުމެ މަތުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑްތައްވެސް ވަނީ ވައްޓާލާފައެވެ. މި ސަރަހައްދަކީ، ލޭބާ ކެޓަގަރީގައި ހިމެނޭ ގިނަ އަދަދެއްގެ ފަގީރުން ދިރިއުޅޭ ސަރަހައްދެކެވެ. ލޮކްޑައުން އާ ދެކޮޅަށް މަގުތަކަށް ނުކުތް އާންމުންގެ ޝަކުވާ އަކީ، ލޮކްޑައުން އާ ހެދި އެމީހުންނަށް މަސައްކަތަށް ނުކުމެވެން ނެތް ކަމަށާއި ނުނުކުމެއްޖެ ނަމަ އެ ދުވަހުގެ މުސާރަ ނުދިނުމާއި ކާބޯތަކެއްޗަށް ޖެހުމުގެ އިތުރުން، ތަކެތީގެ އަގު އަތް ނުފޯރާ ވަރަށް އަރައިގެން ގޮސްފައި ވުމެވެ.

މި ރައްޔިތުން ނުރުހުން ފާޅުކޮށް، ކޮވިޑް ކޮންޓްރޯލް ކުރާ އޮފިޝަލުންނާ ދެބަސްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، ރޭ ބެރިކޭޑް ފަޅާލާ ނުކުތީ އެ ކެތްތެރިކަން ކޮޅުން ލުމުން ކަމަށް ހަބަރުތައް ބުނެއެވެ.

މި މީހުންގެ ރުޅިވެރިކަން ކޮޅުން ލީ އަނެއް ސަބަބަކީ، ޕީސީއާރު ހަދާ ކުންފުނިތަކުން ފޭކް ޕީސީއަރު ހަދާ ކަމަށާއި އެކަމުން އެ ކުންފުނިތަކަށް ލާރި ލިބޭތީ މަކަރު ހަދާކަމަށް ބުނެ ހަބަރުތައް ފެތުރިގެން ދިޔުމެވެ.

ރައްޔިތުން ނުކުމެ ވެރިކޭޑް ވައްޓާލާފައި

ޗައިނާގައި ކޮވިޑާ ގުޅިގެން ތަންފީޒު ކުރަމުން ދަނީ ޒީރޯ ކޮވިޑް ދިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ގަވައިދުން ޕީސީއާރު ހެދުމާއި، ވެކްސިން ޖެހުމަކީ ރައްޔިތުންނަށް މަޖުބޫރު ކަމެކެވެ. އަދި ޝައްކު ކުރެވޭ ކޭސް އެއް ނުވަތަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ ނަމަ، އެ ފެނުނު ސަރަހައްދެއް ލޮކްޑައުން ކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެކެވެ.

މިހާރުވެސް ގިނަ ބަޔަކާ އެކު، ޑިޒްނީ ޕާކްވެސް އޮތީ ލޮކްޑައުން ކޮށްފައެވެ. އޭގެ އިތުރުން، އެޕަލް އައިފޯން އެސެމްބަލް ކުރާ އެންމެ ބޮޑު ފެކްޓަރީ ފޮކްސްކޮންވެސް ހުރީ ލޮކްޑައުން ކޮށްފައެވެ. އޭގެ އިތުރުން 200 ސަރަހައްދެއްގައި 2 މިލިއަނެއްހާ މީހުން މިހާރުވެސް ތިބީ ލޮކްޑައުންގައެވެ.

ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތާ ހުރެ ރައްޔިތުންގެ ރުޅިވެރިކަން ކޮޅުން ލަމުން ދާ އިރު، ދުނިޔޭގެ ގައުމުތަކުގެ ފާޑުކިޔުންވެސް ދަނީ ޗައިނާ އަށް އަމާޒު ވަމުންނެވެ. އޭގެ ތެރޭގައި އިގްތިސޯދީ ފަރާތްތައްވެސް ހިމެނޭ އިރު، އެފަރާތްތަކުން ބުނަމުން ދަނީ، ޗައިނާގެ އެ ފިޔަވަޅުތަކުގެ ސަބަބުން، އެގައުމުގެ އިގުތިސޯދަށް އަސަރުކޮށް އިންފްލޭޝަން މައްޗަށް ދާތަން ފެންނަ އިރު، ދުނިޔޭގެ އިގްތިސޯދަށް ވެސް އެ ސިޔާސަތުގެ ސަބަބުން ބޮޑެތި އަސަރުތައް ކުރަމުން ދާ ކަމަށެވެ.