އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރުވުމުގެ ކުރިން އޭނާ ދަންޖެހިގެން މަރުވާން އުޅޭ ވާހަކަތައް މޭރީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާ ދައްކާފައިވާ ކަމަށް ހެކިވެރިއަކު ބުނެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި މިއަދުގެ ޝަރީއަތުގައި 3 ނަރުހެއްގެ ހެކިބަސް ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމްބިއުލާންސްގައި ސީންއަށް ދިޔަ ޝާއިނާ އިބްރާހިމްއާއި އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ މައުމޫނާ އަހުމަދާއި ޝަރަފިއްޔާ އިބްރާހީމެވެ. ދެން ހެކިބަސް ނަގާފައިވަނީ މާވިންގެ މަންމަ، މައުރިކްއާއެކު އެގެއަށް ދިޔަ އައިޝަތު ފަޒްލާ ފަޒީލެވެ.

ޝާއިނާއަކީ އައިޖީއެމްއެޗްގެ ކޯލް ސެންޓަރަށް އެ ދުވަހު މާވިން ގުޅުމުން ޖަވާބު ދިން ނަރުހަށްވާއިރު އޭނާ ބުނީ މާވިން ގުޅާފައި ބުނީ އެމްބިއުލާންސް ފޮނުވާށޭ ކަމަށާއި އަންހެނުން ދަންޖެހިފައި ހުރި ވާހަކަ ކަމަށެވެ.

މއ. އުދުހޭކޮކާގެ ފުރަތަމަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓްގައި މޭރީ އޮތް ކޮޓަރިއަށް ވަން އިރު ވެސް އޭނާގެ ވިންދު ހުއްޓިފައި އޮތް ކަމަށާއި ވަގުތުން ސީޕީއާރުދީ ފަރުވާ ދޭން މަސައްކަތްކޮށްފައިވާ ކަމަށް ޝާއިނާ ބުންޏެވެ.

ޝާއިނާ ބުނީ މޭރީ އޮތީ ކޮޓަރީގެ ބިންމަތީގައި ބާއްވާފައި ކަމަށާއި ފެނުނު އިރު މީހާ އޮތީ ވަރަށް ބޮޑަށް ނޫވެފައި ކަމަށެވެ. އަދި ބިންމަތި ތެމިފައި އޮތްކަން ފާހަގަކުރެވުނު ކަމަށާއި ފުރަތަމަ ދިނީ ސީޕީއާރު ކަމަށާއި އެޑްރިނަލިން އިންޖެކްޝަން ޖެހީ އޭގެ ފަހުން ކަމަށް ޝާއިނާ ބުންޏެވެ. މީގެ އިތުރުން މޭރީ ގަޔަށް އިންޖެކްޝަން ޖަހަން ތައްޔާރުކުރުމުގެ ގޮތުން "ކެނިއުލޭޓު" ކުރީ މާވިން ކަމަށްވެސް ޝާއިނާ ވަނީ ބުނެފައެވެ.

އެމްބިއުލާންސްގެ ތެރޭގައި ވެސް ސީޕީއާރުދީ މޭރީއަށް ފަރުވާ ދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

މައުމޫނާއާއި ޝަރަފިއްޔާއަކީ ލަމްހާއާއި މާވިންއާއި މޭރީ ވެސް ދަންނަ އަދި މޭރީއާ ގުޅޭ ގޮތުން ލަމްހާއާ އެކި ވާހަކަ ދައްކާފައި ތިބި ދެ ނަރުހުން ކަމަށްވާއިރު މައުމޫނާ ހެކިބަސް ދެމުން ބުނީ އޭނައަށް މޭރީ މަރުވި ކަމުގެ މައުލޫމާތު ލިބުނީ އައިޖީއެމްއެޗްގައި އެމަޖެންސީ ޑިޕާޓްމަންޓްގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަކުން ކަމަށެވެ.

އެ ހަބަރާއެކު ފުރަތަމަވެސް ލަމްހާއަށް ގުޅި ކަމަށާއި އޭރު އެ ދެމީހުންގެ ދެމެދުގައި އަސްލު އޮތް ގުޅުން ނޭނގޭ ކަމަށް މައުމޫނާ ފާހަގަކުރިއެވެ. މޭރީ ބާއްވާފައި އޮތް އެމަޖެންސީ ރޫމް ކައިރިން މާވިން ފެނުނުއިރު ލައިގެން ހުރީ ކޮނޑުކެނޑިއެއް ކަމަށާއި އޭނާގެ ކަނާތު އަތުގައި ވަކި އަޅާފައިހުރިކަން ފާހަގަވި ކަމަށް މައުމޫނާ ވަނީ ބުނެފައެވެ.

ޝަރަފިއްޔާ ހެކިބަސް ދެމުން ވެސް ބުނީ އެ ހަބަރު ލިބުނީ ވައިބާ ގުރޫޕުން ކަމަށާއި އެ ހަބަރާއެކު އޭނާވެސް ލަމްހާއަށް ގުޅި ކަމަށެވެ. ގުޅާފައި ލަމްހާއަށް އެ ހަބަރު ލިބުނުތޯއާއި މޭރީގެ ހަށިގަނޑު ދެކެން އެމަޖެންސީ ރޫމަށް އަންނާނެތޯ ސުވާލުކުރުމުން އެކަން އެނގޭ ކަމަށާއި ހަވީރު ޑިއުޓީއަށް ދާން ޖެހޭތީ ދާނެ ކަމަށް ބުނި ކަމަށް ޝަރަފިއްޔާ ބުންޏެވެ.

އެ ދުވަހު ލަމްހާ ހާސްވެގެން އުޅުނު ކަމަށާއި އެ މައްސަލާގައި މާވިން ހައްޔަރުކޮށްފާނެ ކަމަށް ލަމްހާ ކިޔަމުން ދިޔަ ކަމަށް ޝަރަފިއްޔާ ބުންޏެވެ.