ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުންދާ މުޒާހަރާ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުންދަނީ ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެއެވެ.

މި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާއިރު ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ޓެކްސް ބިލު ފާސްނުކުރުމަށް އެދި ގޮވާލަމުންނެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

މިދިޔަ ހަފުތާގައި މަޖިލީހުގެ ކޮމެޓީން ފާސްކުރި އެ ބިލަށް މަޖިލީހުގެ ފޯރަމް ހަމަނުވުމުގެ ސަބަބުން މިއަދު ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

އެ ބިލަށް ފާޑުކިޔުއްވާ އިދިކޮޅު މެންބަރު ބަހުސް ކުރައްވާފައިވާއިރު އެ މެންބަރުން ވިދާޅުވީ މިވަގުތަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.