ރ. އަތޮޅުގެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗަށް ފަހު އިއްޔެ ހިނގި ހަމަނުޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ ފަރުވާ ދީފިއެވެ.
އެ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ އިނގުރައިދު އާއި ދުވާފަރެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކުން ފެންނަ ގޮތުގައި، މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުން ދިޔައިރު، ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ސަފެއްހެން އެތުރިގެން ތިބެ، ފުލުހުން ދިޔައީ އެ މީހުން ދުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހަމަނުޖެހުމުގައި ބައެއް މީހުންގެ ބޯމައްޗާއި އަނގަމަތި ފަޅައިގެން ގޮސްފައިވެއެވެ. އަދި އަނެއްބައި މީހުން ހޭނެތިގެން ވެއްޓުނެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ގިނައީ އިނގުރައިދޫ މީހުން ކަމަށްވާއިރު، އެ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އަށް ވެސް އަނިޔާ ލިބިފައިވެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ބުނީ، ޖިސްމާނީ އަނިޔާ ލިބިގެން 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި 39 އަހަރުގެ އަންހެނަކަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ބޯ އަނބުރައިގަތުމާއި، ހަމަނުޖެހުމުގެ ސަބަބުން ބިރުގަނެފައި ތިބި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން 14 މީހަކަށް ނަފްސާނީ ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
10 ޓީމެއް ވާދަކުރި ރ. އަތޮޅު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި އިނގުރައިދު އާ ވާދަކޮށް، ފަހަތުން އަރާ 3-4 ގެ ނަތީޖާ އަކުން ކުރި ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދުވާފަރުންނެވެ.