މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހަދާފައިވާ "ހާފްވޭ ސެންޓަރު" ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ސޯޝަލް ކައުންސިލްގެ ވައިސް ޗެއާޕަސަން، ޑރ. މުސްތޮފާ ލުތުފީއެވެ.

މި ސެންޓަރުގެ ފަރުވާ ދޭނީ ގިނަ މުވައްސަސާތަކެއް ގުޅިގެންނެވެ. އެތަނުގައި އެއްފަހަރާ 20 މީހަކު ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭނުންވާ ޑޮކްޓަރުންނާއި ކައުންސިލަރުންނާއި އިދާރީ އެހެނިހެން މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ވަގުތު ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް އަވަސް ފަރުވާ ހަމަޖެހޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށް ވެސް އެކަމުން ސަލާމަތްވުމަށްފަހުވެސް "އާފްޓާ ކެއާ"ގެ ހިދުމަތްވެސް ހާފްވޭ ސެންޓަރުން ލިބިގެންދާނެ ކަމަށް އެންޑީއޭއިން ބުނެއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވި ރެހެބިލިޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ، މީގެކުރިން އެންޑީއޭއަކީ ހަމައެކަނި ޑްރަގްގެ ފަރުވާ ދޭ ތަނެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮތްތަނަމަވެސް އެންޑީއޭގެ މަސްއޫލިއްޔަތު އެއަށްވުރެ ފުޅާކަމަށެވެ. އަ

ދި އެ މަސްއޫލިއްޔަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާއިރު ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.