ލޭންޑިންކްރާފްޓެއް ބަންޑުންޖަހާލި ހާދިސާއެއްގައި ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އަދި ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން މިއަދު ކުރި މަސައްކަތުން ވެސް އެމީހާ ފެނިފައެއް ނުވާ ކަމަށެވެ.

އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މީހާ ހޯދުމަށް މިއަދުގެ އިރުއޮއްސުމާ ހަމައަށް 900 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް މާދަމާ ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާ އެކު 14 ނމ. ބޭރުން ދަތުރު ކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ މި ލޭންޑިންކްރާފްޓް ބަންޑުން ޖަހާލާފައި ވަނީ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލި ދޯނީގައި ތިބި 3 މީހުން ސަލާމަތް ކޮށްފައިވަނީ އެ ދޯނި ކައިރީގައި ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.