ޕާޓީކުރަން ތިއްބާ ބަޔަކު ހައްޔަރުކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ގުޅުން އޮތް ގެއަކު ނޫން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރު ކުރީ އަބްދުلله ޝާހިދުގެ ގެއިން ކަމަށް "ދިޔަރެސް" ނޫހުގައ ގައި ލިޔެފައި އޮވެގެނެވެ.
މިނިސްޓްރީން ބުނީ އެ ހަބަރުގައިވާ މައުލޫމާތު ތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ހަބަރެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަގުސަދުގައި އަދި ޝާހިދު ބަދުނާމުކޮށް، އަބުރު ކަތިލުމުގެ ނިޔަތުގައި ޝާއިއު ކޮށްފައިވާ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ.
ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އަދި ފުލުހުން ދީފައިވާ ސައްހަ މައުލޫމާތުން އިނގޭ ގޮތުގައި އެއީ ޝާހިދުއާ އެއްވެސް މިންވަރަކަށް ގުޅުން ހުރި ކަމެއް ނޫން ކަމަށާޢި އެކަން ހިނގައިފައި ވަނީ ޝާހިދުއާ އެއްވެސް ވަރަކަށް ގުޅުން ހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ހަބަރު ރަނގަޅު ކުރަން އެ ނޫހުގައި އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް އެ ނޫހުން އިޖާބަ ނުދިނުމުން ތަކުރާރުކޮށް ގުޅުމުން ފޯނަށް މިހާރު ޖަވާބެއް ވެސް ނުދޭ ކަމަށެވެ. އަދި އެއީ އެ ނޫހުން ހިންގި ވަރަށް ނާ ތަހުޒީބު ފިނޑި އަމަލެއް ކަމަށާއި އެ ކަންކޮށްފައި ވަނީ ޒާތީ ތައައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަން އެ މިނިސްޓްރީއިން ފާހަގަ ކުރެއެވެ.
އެ ހަބަރާ ގުޅޭ މައްސަލަ ތަހުގީގުކޮށްދީ އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި ކަމަށް މިނިސްޓްރީ އިން ބުނެއެވެ.