ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ "ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރު" އަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ ދެކަނބަލުން ވަނީ އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި ޗައިލްޑް ކެއާ ސެންޓަރު ބައްލަވާލައްވާފިއެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާއީ ހަމަޖެހުން ގެނެސް ދިނުމަށާއި، އަންހެނުން ބާރުވެރި ކުރުވުމަށާއި، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރު ހުޅުވާފައި ވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގްސަދުގައެވެ. "ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރު" ގާއިމްކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ސެންޓަރަކީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރަޖިސްޓާ ކޮށްފައެވެ. މި ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ހާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލް ފަރާތްތަކެކެވެ. އަދި މި ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާހައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓާނިޓީ ލީވް ލިބޭނެގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފައެވެ.