ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރާ 4 ސްކޫލާކާއި، އަމިއްލަ ފަރާތެއް ސްކޫލެއް އަޅަން އެޗްޑީސީން ބިން ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނީ އެޑިއުކޭޝަން މިނިސްޓްރީން އަޅާ މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައަޅާފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައި ކަމަށެވެ. މިގޮތުން ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރާ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެކެވެ. އަދި ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓުގެ ސުކޫލު، ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓު އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގެ ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލު އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ ނައީމު ކަމަށެވެ.

އަމިއްލަ ފަރާތަކުން ސްކޫލެއް އަޅަން ބިން ހަވާލުކޮށްފައިވަނީ އައިލެންޑާސް އެޑިއުކޭޝަން އާއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓާނޭޝަނަލް ސްކޫލެއް ހުޅުމާލެ ފޭސް 2ގައި ބިނާކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސް ގެ ފަރާތުން އެކްރެޑިޓްކޮށްގެން ބައިނަލް އަގްވާމީ ފެންވަރުގައި ހިންގޭނެ ސްކޫލަކަށް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ، މިއީ، ޕްލޮޓް LZ-7 ގެ 48،556.81 އަކަފޫޓުގެ ސުކޫލެއް ކަމަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އަދި އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުލް ރަޝީދެވެ.