ލ. މާންދޫގައި ކުރަމުންދާ އިހްތިޖާޖު ހުއްޓާލާނީ މަސްވެރިން ބޭނުންވާ ގޮތަށް ފައިސާ ލިބުމުން ކަމަށް، އެ މީހުން ބުނެފިއެވެ.

މާންދޫގައި ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިން އިއްޔެއިން އިހްތިޖާޖު ކުރަމުން ދަނީ މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެއެވެ. ހޮރައިޒަނާ ހަވާލާދީ މަސްވެރިން ބުނި ގޮތުގައި، ފައިސާ ލިބޭނީ މަސް ދުވަހެއްހާ ފަހުންނެވެ.

ނަމަވެސް އެއީ މަސްވެރިން ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު ވެސް އެ މީހުންނަށް ދޭން ޖެހޭ 21 މިލިއަނެއްހާ ރުފިޔާ ހޮރައިޒަނުން ދީފައި ނުވާ ކަމަށް ބުނެ، މަސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މަސްވެރިންގެ ފަރާތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް ވިދާޅުވީ، ލ. އަތޮޅުގެ ކައުންސިލްގެ ބޭފުޅުންނާއި، އިހްތިޖާޖުގައި ބައިވެރިވާ ބައެއް ކެޔޮޅުންނާ އެކު އެ މައްސަލައިގައި މިހާރު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މަސްވެރި އޮޑިދޯނިފަހަރަށް ލާރި ހަމަޖައްސައިދެވޭތޯ ހޮރައިޒަނުން މަސައްކަތް ކުރަމުންދާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ހޮރައިޒަނުން ބުނަމުން ދަނީ މަސްދުވަސް ފަހުން ފައިސާ ފޮނުވާނެ ކަމުގައި ކަމަށް ހާނިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިން އެ ނިންމުމާ ދެކޮޅު ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެންމެ އަވަސްވެގެން ވެސް މިފްކޯ އާ އެއްގޮތަށް ހަފްތާއެއްގެ ތެރޭގަ ލާރިކޮޅު، އެހެންނޫނިއްޔާ ދުވަހުން ދުވަހަށް އެ ކިރާ އެއްޗެއްގެ ލާރިކޮޅު ދީ. އެއީ އަހަރެމެންގެ ޑިމާންޑަކީ." ހާނިމް ވިދާޅުވިއެވެ.

ހާނިމް ވިދާޅުވި ގޮތުގައި، މަސްވެރިން މިހާރު ކުރަމުންދާ އިހްތިޖާޖު ނިންމާލާނީ މަސްވެރިން ބޭނުންވާ ގޮތަށް ހޮރައިޒަނުން ފައިސާ ދެއްކުމުންނެވެ.

ހޮރައިޒަން ފިޝަރީޒް އިން ނެރުނު ބަޔާނެއްގައި ބުނީ، މަހުގެ އަގު ބޭރުގެ މާކެޓުގައި ދަށްވެފައި ވާތީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް ހިންގުމަށް ދަތިވެފައިވާ ކަމަށެވެ.

އަދި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ހޮރައިޒަން ހިންގަމުން ދަނީ ގެއްލުމުގައި ކަމަށާއި، ނަމަވެސް އެއްބަސްވެވޭ މުއްދަތުގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައި، އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުން ފައިސާ ހޯދުން ފަދަ ގުރުބާނީތައް ވެގެން ކަމަށް ވެސް ބުންޏެވެ.