ލޭންޑިންކްރާފްޓެއް ބަންޑުންޖަހާލި ހާދިސާއެއްގައި ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ލޭންޑިންކްރާފްޓުން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި އަދި ވައިގެ މަގުން މިއަދު ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގދ. ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާ އެކު 14 ނމ. ބޭރުން ދަތުރު ކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ މި ލޭންޑިންކްރާފްޓް ބަންޑުން ޖަހާލާފައި ވަނީ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލި ދޯނީގައި ތިބި 3 މީހުން ސަލާމަތް ކޮށްފައިވަނީ އެ ދޯނި ކައިރީގައި ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.

ފުލުހުން ބުނީ، ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ދޯންޏެއްް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ 01:25 ހާއިރު ކަމަށެވެ.