ކާމިޔާބު ގިނަ ޓީވީ ޑްރާމާ ސިލްސިލާގައި ހަރަކާތްތެރިވި މަޝްހޫރު ޓީވީ އެކްޓަރު ސިދާންތު ވީރް ސޫރިއަވަންޝީ 46، މަރުވެއްޖެއެވެ.

ޖިމުގައި ކަސްރަތު ކުރަން ހުއްޓާ ހާޓްއެޓޭކެއް ޖެހި ސިދާންތު މަރުވިއިރު ދުނިޔޭގައި އޭނާގެ އަނތްބަކާއި ދެ ދަރިން އެބަހުއްޓެވެ. ސިދާންތު މަރުވުމާއި ގުޅިގެން އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުން އަންނައިރު ޓީވީ އިންޑަސްޓްރީގައި އޭނާ އާއެކު މަސައްކަތް ކުރާ އެކްޓަރުންގެ އިތުރުން އޭނާގެ ގާތް ރަހުމަތްތެރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އަށް ޓްރިބިއުޓް ދީފައެވެ.

ދެހާސް އެއްވަނަ އަހަރު އެކްތާ ކަޕޫރުގެ "ކުސުމް" އިން ކެރިއަރު ފެށި ސިދާންތު ވަނީ 20 ޑްރާމާ ސިލްސިލާގައި ހަރަކާތްތެރިވެފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ގެނެސްދިން ސީރީޒް "ކިޔޫ ރިޝްތޯ މޭ ކައްޓީ ބައްޓީ" އިންނެވެ. އޭނާ ކުޅުނު ބައެއް މަގްބޫލު ޑްރާމާތަކުގެ ތެރޭގައި "ސޫފިޔާނާ ޕިޔާރު މޭރާ"، "ސާތު ޕޭރޭ: ސަލޯނީ ކީ ސަފަރު"، "މަމްތާ" އަދި "ވިރުދު" ހިމެނެއެވެ.

ސިދާންތު ވަނީ ދެ ކައިވެންޏެއްކޮށްފައެވެ. އެއީ ނޫސްވެރިޔާ އިރާ އަދި ސުޕަ މޮޑެލް އެލީޝިއާ ރައުތުއާއެވެ. އިރާ އާއި ކުރި ކައިވެނި ވަނީ 2015 ވަނަ އަހަރު ރޫޅިފައެވެ. އެ ކައިވެންޏަށް ވަނީ ކުއްޖަކު ލިބިފައެވެ. އޭގެ ފަހުން 2017 ވަނަ ސިދާންތު ކައިވެނި ކުރީ އެލީޝިއާ އާއެވެ. އެކައިވެންޏަށް ވެސް ދަރިއަކު ލިބިފައިވެއެވެ.