ޒަމާނާ އެއްގޮތަށް ކުރިއަރަމުން މިދާ ދުނިޔޭގައި އެންމެ ހަލުވި ކަމާ އެކު ކުރިއަރަމުން އަދި ތަރައްގީވަމުން މިދަނީ ސޯޝަލް މީޑިއާ ކަމާ މެދު ޝައްކެއްނެތެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ނުކުރެވޭނޭ އެއްވެސް ކަމެއް ނެތޭ ބުންޏަސް ހެވެވެ. ކުޑަކުދިންނާއި، ޅަފުރައިގެ ކުދިން، ޒުވާނުންނާއި މުސްކުޅިންގެ މެދުގައިވެސް މީގެ އެކި ޕްލެޓްފޯމްތައް އެހާމެ މަގުބޫލެވެ.

ސޯޝަލްމީޑިއާ އަކީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ އެއިން ވަރަށް ގިނަ ފައިދާތަކެއް ކުރާނޭ އެއްޗެކެވެ. މީގެ އެކި ޕްލެޓްފޯމުތަކުގައި ދިރިއުޅުމަށް ބޭނުންވާ އެތަކެއް މައުލޫމާތާއި ހިޔާލުތައް ލިބޭނޭ ގޮތް އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑުމެން މިއަދު ކަންބޮޑުވެގެން މިއުޅެނީ އެހެން ކަމެއް ވެގެންނެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިން މީގެ އަވައިގައި ޖެހި އެކުދިންގެ މައުސޫމު ކަމަށާއި އެކުދިންގެ ހެދިބޮޑުވުމަށް މިއިން ނުބައި، ނޭދެވޭ އަސަރުކުރާތީ އެކަމާ ކަންބޮޑުވެގެންނެވެ.

އާންމުކޮށް ބޭނުންކުރާ ސޯޝަލްމީޑިއާގެ ހުރިހާ އެޕްލިކޭޝަން އެއް ގައިވެސް ބޭނުން ކުރަން ވަކި އުމުރު ފުރައެއް ކަނޑައަޅާފައި އޮވެއެވެ. އެގޮތުން ދިވެހިންގެ ތެރޭގައި މަގުބޫލު ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، އަދި ޓިކްޓޮކް ފަދަ އެޕްލިކޭޝަން ތައް ވެސް ބޭނުން ކުރެވޭނެ އުމުރުފުރާގެ ގޮތުގައި ކަނޑައެޅިފައި އޮންނަނީ 13 އަހަރުން މައްޗެވެ. ނަމަވެސް އުމުރު އޮޅުވާލުމަށް ފަހު އެކައުންޓުތައް ހަދައިގެން ވަރަށް ކުޑަކުދިން ވެސް މި އެޕްލިކޭޝަންތައް ބޭނުން ކުރެއެވެ. މިއީ އަޅުގަނޑުމެން ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމެކެވެ. ކުދިންގެ އަތްމައްޗަށް ފޯނު ފަދަ ތަކެތި އިންޓަނެޓް ލިބޭގޮތަށް ހަދާފައި ދޫކުރެވޭ އިރު އެކުދިން އޭގެ ބޭނުން ހިފަނީ ރަނގަޅު ގޮތުގައިތޯ ބެލުމަކީ އަޅުގަނޑުމެން ބެލެނިވެރިންގެ ޒިންމާއެކެވެ.

ޓިކްޓޮކް، ސްނެޕްޗެޓް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަން ތަކަކީ އޭގައި ކުދިންނަށް ފެންނަން ނުޖެހޭ އެތަކެއް ވީޑިއޯތަކާއި ފޮޓޯތަކާއި އަދި ޕޯސްޓުތައް އެކުލެވިގެންވާ އެޕްލިކޭޝަން ތަކެކެވެ.

ކުޑަ ކުއްޖަކު ޔޫޓިއުބްގައި/ ކުދިން ޔޫޓިއުބް އިން ބަލާ ވީޑިއޯ ފަދަ ތަކެއްޗާއި މެދު ބެލެނިވެރިން ފާރަވެރިވާން ޖެހޭ

އެމެރިކާގެ ކޮމަންސެންސް މީޑިއާ އޮގަނައިޒޭޝަން އިން 2021 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާގޮތުގައި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދޭތެރޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާގެ ބޭނުން ކުރި މިންވަރު އޭގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު 17 ޕަސެންޓް ވަނީ އިތުރު ވެފައެވެ. ސަބަބެއް ކަމަށް ބޮޑަށް ބެލެވިފައި ވަނީ ކޮވިޑް-19 ގެ ލޮކްޑައުންގެ ސަބަބުން ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ބަންދުވެ ކުދިން ގޭގައި ހޭދަކުރަން ޖެހުނު ވަގުތު ގިނަވުމެވެ.

ރާއްޖޭގައިވެސް ކުރިއާ އަޅާ ބަލާ އިރު ކުޑަކުދިން އަދި ފުރާވަރުގެ ކުދިން ސޯޝަލްމީޑިއާ ބޭނުން ކުރުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ.

ނަފްސާނީ ގެއްލުމުގެ އިތުރުން ޖިސްމާނީ ގެއްލުން ވެސް އެހާމެ ބޮޑު

ޓީވީ، ފޯނު، ޓެބްލެޓް އަދި ކޮމްޕިއުޓަރު ފަދަ ތަކެއްޗަކީ އޭގެ ސްކްރީނަށް ގިނައިރު ވަންދެން ބެލުމުން ކުޑަކުދިން އަދި ބޮޑެތި މީހުންގެ ލޮލަށްވެސް އެހާމެ ގެއްލުން ލިބޭ ތަކެއްޗެވެ. އެގޮތުން ގިނަ ވަގުތު ސްކްރީނަށް ބެލުމުގެ ސަބަބުން ލޮލުގެ ގުދުރަތީ ތެތްކަން ކުޑަވެ ލޮލަށް ނުރައްކާތެރި ބަލި ޖެހުމަށްވެސް މަގުފަހިވާ ކަމަށް ކަމާ ބެހޭ މާހިރުން އިންޒާރު ކުރެއެވެ. މިގޮތުން ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ޑްރައި އައި ޑިސީސް" ޖެހުމަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ ސްކްރީނަށް ބަލަހައްޓައިގެން ގިނަވަގުތު ހޭދަކުރުމެވެ. ސަބަބަކީ ސްކްރީން އަށް ބަލަހައްޓައިގެން އިންނަ ވަގުތުތަކުގައި އެސްފިޔަ ޖެހުން މަދުވުމެވެ. ޑްރައި އައި ގެ ސަބަބުން ލޮލުން ގިނަ އަދަދަކަށް ފެން ފޭބުމާއި، ދިލަނެގުމާއި، ހިރުވުމާއި އަދި ލޯތެރޭގައި އެއްޗެއް އަބަދުވެސް އޮންނަ ކަމުގެ އިހުސާސް ކުރެވުން ފަދަ އުނދަގޫ މައްސަލަތައް ކުރިމަތިވެއެވެ.

ކުދިން ވަރަށް ޅައުމުރުން ފެށިގެން އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް އެކުދިންނަށް ސޯޝަލްމީޑިއާގެ އެކި އެކި ވަސީލަތްތައް ތައާރަފް ކޮށްދެވެއެވެ. މިސާލަކަށް ބުނާނަމަ އެންމެ ތުއްތު ކުދިން މަސަލަސް ކުރުމުގެ ނިޔަތުގައި ނަމަވެސް ޔޫޓިއުބް ކަހަލަ ހުރިހާ ވައްތަރެއްގެ ވީޑިއޯ ހުންނަ އެޕްލިކޭޝަން ވެސް ދެއްކެއެވެ. އަދި ކުދިން އަތަށް ފޯނު ދީފައި އެކަނި ކުރެވޭ ފަހަރުވެސް އާދެއެވެ. ގޭތެރޭގައި އުޅުމުގެ ފަސޭހަ އަށް ކުއްޖާއަތަށް ފޯނު ނުވަތަ ޓެބްލެޓް ދީފައި ބޭއްވެއެވެ. އެންމެ ތުއްތު އިރުން ފެށިގެން މިކަމަށް އާދަވުމުގެ ސަބަބުން ކުދިން ސްކްރީން އަށް ދެވިހިފާ ގޮތްވެއެވެ. އަދި ބައެއް ފަހަރަށް ކާންދިނުން އަދި އެހެން ކަމެއް ވެސް ސްކްރީން ނުދައްކައި ނުވެވޭ ވަރަށް ކުދިން އެކަމަށް ދެވިހިފައެވެ.

ނަމަވެސް އެކުއްޖެއްގެ އުމުރާ ގުޅޭ މިންވަރަކުން ސްކްރީން ޓައިމް ކޮންމެވެސް ވަރަކަށް ކުއްޖާއަށް ދިނުމުގައި މައްސަލައެއް ނެތްކަމަށް ތަޖުރިބާކާރުން ދެކެއެވެ

ކުޑަކުއްޖަކު ސްކްރީނާ ދުރުކުރަން ބެލެނިވެރިއަކު މަސައްކަތް ކުރާ އިރު އެ ކުއްޖާ ސްކްރީން ދޫނުކުރަން ގަދަ ހަދަނީ

ތަޖުރިބާކާރެއްގެ ދެތިން ބަހެއް!

މިއީ އޭޑީކޭގައި މަސައްކަތް ކުރައްވާ ސްޕީޗް އެންޑް ލެންގުއެޖް ޕަތޮލޮޖިސްޓް ޒިމްނާ ހުސައިން، ކުޑަކުދިން ސްކްރީން ގައި ހޭދަކުރާ ވަގުތުގެ ސަބަބުން އެކުދިންނަށް ލިބޭ ގެއްލުމާއި ބެހޭގޮތުން "ދަ ޕްރެސް" އަށް ދެއްފައިވާ މައުލޫމާތު ކޮޅެކެވެ.

ޒިމްނާ ފާހަގަ ކުރެއްވި ގޮތުގައި ތުއްތުކުދިން ސްކްރީން ބެލުމުގައި މާގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އެކުދިންގެ މުއާމަލާތު ކުރުމާއި، ވާހަކަ ދެއްކުމާއި، ހުނަރުތައް ދަސްވުމާއި މީގެ އިތުރުން އެކުދިންގެ ސިކުނޑި ހެދި ބޮޑުވުމަށް ބޭނުންވާ މުހިއްމު ކަންތައް ކުރުމަށް ހޭދަވާ ވަގުތު ކުޑަވެއެވެ. އަދި ކުދިން ކުޅުމުގެ ތެރެއިން ދަސްކުރާ ވަރު މަދުވެ، އެހެން މީހުންނާ އެކީ ވަގުތު ހޭދަކުރާ މިންވަރު ދަށްވެ، އެކި ހިއްސުތައް ބޭނުން ކޮށްގެން ކުޅުމާއި އާ ކަންތައްތައް ތަޖުރިބާ ކުރުމަށް ލިބޭ ވަގުތު ކުޑަވެއެވެ.

މީގެ އިތުރުން ކުދިންނަށް އާ ބަސްތައް ދަސްކޮށް ދިނުމަށް ޓީވީ، ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުން ކުރުމުގެ ބަދަލުގައި ކުއްޖާއާ އެކީ ކުޅޭ ވަގުތު އިތުރުކޮށް އާ ބަސްތައް ދަސްކޮށްދީ، އަޑުއިއްވައި ހެދުން ވަރަށް މުހިއްމެވެ. އަދި ކުއްޖާއާ އެކީ ކުޅޭ ގަޑިތަކުގައި ޓީވީ ހުޅުވާފައި ބެހެއްޓުމުގެ ސަބަބުން ކުއްޖާ ކުޅުމަށް ދޭ ސަމާލުކަން ކުޑަވާނެ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޓީވީ ނުވަތަ ފޯނުން ދައްކާ އެޑިއުކޭޝަނަލް ވީޑިއޯތަކަކީ ތުއްތު ދަރިފުޅު ވާހަކަ ދެއްކުމާއި މުއާމަލާތު ކުރުމަށް ފައިދާ ހުރި އެއްޗެއް ނޫންކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ސްޕީޗް އެންޑް ލެންގުއެޖް ޕަތޮލޮޖިސްޓް ޒިމްނާ ހުސައިން
"މިފަދަ ވީޑިއޯ ތަކުން ކުދިންނަށް އަކުރުތަކާއި، އަދަދުތަކާއި، ކުލަތައް އަދި އެއްޗެއްސަށް ކިޔާ ނަން ދަސްވެދާނެ. އެހެން ނަމަވެސް އެއީ ވާހަކަ ދެއްކުމެއް ނޫން. އަދި މުއާމަލާތު ކުރުމެއްވެސް ނޫން، މުއާމަލާތުކޮށް ވާހަކަ ދައްކަން ކުއްޖާއަށް ދަސްވާނީ އެހެންމީހުން ކުއްޖާއާއި ވާހަކަ ދެއްކުމުން. ޓީވީ، ފޯނުން ބަލާ ވީޑިއޯ ތަކުންނެއް ނޫން"
ޒިމްނާ

ސްކްރީން ގައި ހޭދަކުރާ ވަގުތު ގިނަ ވުމުގެ ސަބަބުން ތުއްތު ކުދިން ވާހަކަ ދެއްކުން ލަސްވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެތައް ގެއްލުމެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މާގިނައިން ސްކްރީންގައި ވަގުތު ހޭދަކުރާ ކުދިންނަށް ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާއި ބެހޭ މާހިރުން ބުނެއެވެ.

ކުޑަ 2 ކުއްޖަކު އޮންލައިން ގޭމް ކުޅެނީ

އޮންލައިން ގޭމްތަކާ މެދު ސަމާލުވޭ!

ސޯޝަލްމީޑިއާ ބޭނުން ކުރުމުގެ އިތުރުން އިންޓަނެޓުން އެކި އެކި ވީޑިއޯ ގޭމްތައް ކުޅުމަކީވެސް ކުޑަކުދިންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. މިކަހަލަ ބައެއް ގޭމްތަކަކީ ހަމައެކަނި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ފަރުމާކުރެވިފައި ހުންނަ ގޭމްތަކެއް ނޫންކަންވެސް ފާހަގަކުރެވެއެވެ. މި ގޭމްތަކަކީ އޭގައި އެކުދިންގެ ސިކުނޑިއާއި ކުޅެލާ، އަނިޔާވެރި އަދި އެތަކެއް ނޭދެވޭ ކަންތައްތަކެއް ހިމެނިގެން ފަރުމާ ކުރެވިފައިވާ ގޭމްތަކެކެވެ.

އާންމުކޮށް ގޭމް ކުޅެން ދެވިހިފާފައިވާ ކުދިން ކިޔަވުމަށް ދޭ ސަމާލުކަންވެސް ކުޑަވެއެވެ.

މިފަދަ ގޭމް ތަކުގެ ތެރޭގައި ރާއްޖޭގައި މަގުބޫލު ޕަބްޖީ، ރޮބްލޮކްސް، މައިންކްރާފްޓް އަދި ކޯލް އޮފް ޑިއުޓީ ފަދަ ގޭމްތައް ހިމެނެއެވެ. އޮންލައިން ކޮށް އެކަކު އަނެކަކަށް އަދި ގްރޫޕް ޗެޓްވެސް ކުރެވޭ ގޮތަށް ފަރުމާކުރެވިފައި ވާ މިފަދަ ގޭމްތަކަކީ ބޮޑެތި މީހުންވެސް ކުޅޭ އެއްޗެއްސަށް ވުމާ އެކު މިފަދަ ގޭމްތަކަކީ ކުޑަކުދިންނަށް އެހާ ރައްކާތެރި އެއްޗަކަށް ނުވާނެއެވެ.

ދާދި ފަހުން ރާއްޖޭގައި ހިންގި ގަތުލެއްގައި އޮންލައިން ގޭމެއްގެ ތެރެއިން ކުޑަކުދިންތަކެއް ރެކްރޫޓް ކޮށްގެން އެކުދިންނަށް އެކުދިން ހިތްހަމަ ޖެހޭފަދަ އެއްޗެހި ގަނެދީ، ގޭމް ކުރެޑިޓް ގަނެދީ ކުދިން ގްރޫމް ކޮށްގެން އެކުދިން މި ލާއިންސާނީ އަމަލުގައި ބައިވެރި ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ 15 އަދި 16 އަހަރުގެ ކުދިންނެވެ.

އެހެން ކަމުން ބެލެނިވެރިން ކުދިންނަށް ސޯޝަލްމީޑިއާގެ ވަސީލަތްތައް އަދި ގޭމްތައް ކުޅެން ދިނުމުގައި ވަރަށް ފަރުވާތެރި ވާން އެބަ ޖެހެއެވެ. ކުދިންގެ އޮންލައިންގައި ތިބެގެން ކުރަނީ ކޮންކަމެއް ކަމާއި ގުޅުން ބާއްވަނީ ކޮންބަޔަކާ ކަން ވެސް ބެލެނިވެރިން ވަރަށް ބޮޑަށް ބަލަން އެބަޖެހެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ޅަދަރިން ސަލާމަތް ކުރަން އެބަޖެހެއެވެ.