ސަލާމަތީ ބާރުތައް ގުޅިގެން މާލެ އާއި އައްޑޫގެ ސަރަހައްދު ތަކުގައި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ، ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް މާލެ އާއި އައްޑޫގައި ކުރިއަށް ގެންދަނީ ސިފައިންނާ ގުޅިގެން ކަމަށެވެ. އަދި ހާމަ ކުރެވެން އޮތް މިންވަރަކުން ތަފްސީލުތައް ހާމަކުރަމުން ދާނެ ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ސަލާމަތީ ބާރުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ފަށާފައި ވަނީ ބޮމުގެ އިންޒާރަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ބައެއް ފޮޓޯތަކުގައިވާ ގޮތުން، އައްޑޫ ހިތަދޫގެ ގެއެއްގައި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެ ގެ ހުންނަނީ ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލް ކުރިމަތީގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ވަނީ މިހާރު އެ ގެ ހުންނަ ސަރަހައްދު ބަންދު ކޮށްފައެވެ.
ހަރުކަށި ފިކުރުގެ މައްސަލައިގައި މިދިޔަ އަހަރު އައްޑޫން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން ބައެއް މީހުންގެ އަތުން ބޮން ހަދަން ބޭނުންކުރާ ސާމާނު ފެނިފައި ވާ ކަމަށް އޭރު ބުންޏެވެ.