އޮސްޓްރޭލިއާގެ އެންމެ ބޮޑު މެޑިކަލް އިންޝުއަރޭންސް ކުންފުނި "މެޑިބޭންކް" ހެކް ކޮށް އެބޯޝަން ހެދި މީހުންގެ މައުލޫމާތު ލީކް ކޮށްލައިފިއެވެ.

ހެކަރުން އެ އެ ޑޭޓާ ވަގަށް ނެގުމަށް ފަހު ފުރަތަމަ ޑިމާންޑް ކުރީ ފައިސާ އަށެވެ. ނަމަވެސް މެޑިބޭންކުން އެކަމަށް އިންކާރު ކުރުމުން ހެކަރުން އެ މައުލޫމާތު ލީކް ކޮށްލީއެވެ.

މިކަމާ ގުޅިގެން މެޑިބޭންކުން ބުނީ، ލީކް ކުރި މައުލޫމާތުގައި ގިނައިން ހުރި ކަމަށް ބެލެވެނީ، ބަލި މީހާގެ މައުލޫމާތަށް ވުރެ ބޮޑަށް އިންޝުއަރޭންސް ޕޮލިސީ އޮންނަ މީހާގެ މައުލޫމާތު ކަމަށެވެ.

އަދި އެބޯޝަން ހަދަން ޖެހޭ ކިތަންމެ ހާލަތެއް ހުންނަ ކަމަށާއި ބައިގެން ދިޔުމާއި، ދަރިފުޅު އުފެދެންވާ ގޮތަށް އުފެދެމުން ނުދިޔުމާއި އެހެނިހެން ސިއްހީ މައްސަލަތައް ދިމާވުން ހިމެނޭ ކަމަށެވެ.

ނަމަވެސް އެ މައުލޫމާތު ލީކް ކުރުމުން، ސިއްހީ ފަރުވާ ހޯދަން ގިނަ ބަޔަކު ފަސް ޖެހިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި މެޑިބޭންކްގެ ސީއީއޯ ޑޭވިޑް ކޮޒްކާރޯ ވިދާޅުވެއެވެ.

ހެކަރުން ވަގަށް ނެގި ޑޭޓާގައި މެޑިބޭންކްގެ ކަސްޓަމަރުންގެ ގޮތުގައި ތިބި 9.7 މިލިއަން މީހުންގެ ޑޭޓާ ހިމެނެއެވެ. ހެކަރުން ވަގަށް ނެގި މައުލޫމާތުގެ ތެރެއިން ފުރަތަމަ ބައި ލީކް ކޮށްލީ، މައުލޫމާތުގެ ބަދަލުގައި 10 މިލިއަން ޑޮލަރު ދިނުމަށް ކުރި ޑިމާންޑަށް މެޑިބޭންކުން އިޖާބަ ނުދިނުމުންނެވެ. އަދި ލީކް ކުރީ ވަގަށް ނެގި މައުލޫމާތުން ބައެއް ކަމަށާއި އެމީހުން ހުށަހަޅަނީ ކޮންމެ މީހަކަށް 1 ޑޮލަރުގެ ރޭޓުން އަގު ދިނުމަށެވެ.

މިކަމާ ގުޅިގެން އޮސްޓްރޭލިއާގެ ބައެއް އާންމުން ބުނީ، އެމީހުންގެ މައުލޫމާތު ހެކަރުން ލީކް ކޮށްލުމާއެކު ސްކޭމް ކުރާ މީހުން އެމީހުންނާ ގުޅާ ހަދާފައި ވާ ކަމަށެވެ.

ހެކް ކުރި މައްސަލައިގައި މެޑިބޭންކުން އިސްކުރި ސިޔާސަތަށް އެގައުމުގެ ސަރުކާރުން ތާއީދު ކޮށްފައި ވާއިރު އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އޮސްޓްރޭލިއާގައި މީގެ ކުރިންވެސް މިފަގަ އެހެން ހާދިސާއެއް ހިނގައި 10 މިލިއަން ކަސްޓަމަރުންގެ ޑޭޓާ، ޓެލެކޮމިއުނިކޭޝަން ކުންފުނި އޮޕްޓަސް އިން ވަގަށް ނެގިއެވެ.