އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގެ އަވަސް ތަހުގީގެއް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން އެދިވަޑައިގެންނެވީ، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރަވަމުންނެވެ.

ރައީސް ވަނީ މިހާދިސާއާ ގުޅޭ މައުލޫމާތު ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި މި ހާދިސާގައި މަރުވި ފަރާތްތައް ދެނެގަތުމާއި، ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންނާއި މިހާދިސާއާ ގުޅިގެން ހާލުގައިޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

މީގެ އިތުރުން ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދެވުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އެ އެންމެންގެ ހަށިގަނޑު ވެސް މޯޗަރީ އަށް ގެންގޮސްފައިވާއިރު އެނގިފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.