އައްޑޫގެ މަޝްރޫއުތަކަށް ސަރުކާރުން ބަޖެޓުކޮށްފައި އޮތް ނަމަވެސް، މަޝްރޫއުތައް ކުރިއަށް ނުދާތީ، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާ ލައްވައިފިއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން އަހްމަދު ރަޝީދު ވިދާޅުވީ، ބަޖެޓުގެ ޑެފިސިޓް ބޮޑުވެއްޖެ ނަމަ، ކުރިއަށް ހުރި ޖީލުތަކުގެ މުސްތަގުބަލު ހަނިވެ، ރާއްޖޭން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވާ ކަމަށެވެ.
އަހްމަދު ރަޝީދު ފާހަގަކުރެއްވި ގޮތުގައި، 2011 އިން 2014 އަށް ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، 2015 އިން ފެށިގެން ބަޖެޓް ޑެފިސިޓް ދެ ގުނަ އިތުރުވެފައިވާއިރު، 2021 ގެ ބަޖެޓުގެ ޑެފިސިޓަށް 9.5 ބިލިއަން ރުފިޔާ އަރާފައިވެއެވެ. އެއާއެކު، އޭނާގެ ކަންބޮޑުވުމަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމުގެ ބަދަލުގައި ދައުލަތުގެ ހަރަދު އިތުރުވެ، ދަރަނި ބޮޑުވަމުން ދިއުމެވެ.
"ނަމަވެސް ދައުލަތުގެ ހަރަދު ކޮންޓްރޯލްކުރުމުގެ ބަދަލުގައި އަހަރުން އަހަރަށް ދައުލަތުގެ ދަރަނި މަތިވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް. 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން އެނގޭ ގޮތުގައި ބަޖެޓު ޑެފިސިޓު ފޫބެއްދުމަށް މިއަންނަ އަހަރު ވެސް 10.7 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ނަގާނެ. މިގޮތުން 2022 ވަނަ އަހަރަށް ރިވައިސްކޮށްފައިވާ އަދަދުތަކުން އެނގޭ ގޮތުގައި ބޭރު ގައުމުތަކުން ނަގާ ލޯނުތައް ވެސް އެއް ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދާނެ އިއްޒަތްތެރި ރައީސް."
މުރާޖައާ ކުރެވުނު އަދަދަށް ބަލާއިރު، މި އަހަރު ލޯނުގެ ގޮތުގައި 12 ބިލިއަން ރުފިޔާ!
އަހްމަދު ރަޝީދު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެތެރޭގެ ލޯނުގެ ގޮތުގައި ނަގަން ބަޖެޓުގައި އަންދާޒާކުރެވިފައި އޮތީ 3.8 ބިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު، މުރާޖައާކުރެވުނު އަދަދުތަކަށް ބަލާއިރު، މި އަހަރު އެތެރޭގެ ލޯނުގެ ގޮތުގައި ދައުލަތުން 12 ބިލިއަން ރުފިޔާ ނަގާނެ ކަމަށް ވިދާޅުވިއެވެ.
"ވީމާ ވޭތުވެދިޔަ ތިން އަހަރަށް ލަފާކުރި ބަޖެޓުތަކުގައި ހަރަދުކޮށްފައިވާ ގޮތަށް ބަލާއިރު 2023 ވަނަ އަހަރަށް ލަފާކޮށް އަންދާޒާކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ދަރަނީގެ ގޮތުގައި ނެގުމަކީ ވަރަށް ގާތްކަމެއް."
ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، އަދި އައިއެމްއެފުން ވެސް ރާއްޖޭގެ ދަރަނި 2024 ވަނަ އަހަރު ރެކޯޑު އަދަދަކަށް އަރާނެ ކަމަށް ވިދާޅުވެ، އަހްމަދު ރަޝީދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދިޔަ ކަމުގައި ވިޔަސް، ކޮވިޑުގެ ކުރިންނާއި ފަހުން ދައުލަތުން ކުރާ ހަރަދުތައް ބޮޑުވެ ކަންބޮދުވާ މިންވަރަކަށް ދަރަނި އިތުރުވެ، ލޯނު ހަމަނުޖެހިއްޖެ ނަމަ، ރާއްޖޭގެ އިގްތިސޯދު ދާ ގޮތަކުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭނެ ކަމަށެވެ.
ހަމަ އެއާއެކު، މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، ދައުލަތަށް ލިބުނީ އެންމެ 600 މިލިއަން ރުފިޔާ ކަން ފާހަގަކުރައްވައި، އަހްމަދު ރަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިކަމާ މެދު ފުންކޮށް ވިސްނާލާފައި، ބަޖެޓުގައި ވަނީ ސައްހަ އަދަދުތަކެއްތޯ ބަލަން ޖެހޭނެ ކަމަށެވެ.
"ހަމަ އެހެންމެ 2023 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެބައޮތް 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ. އަޅުގަނޑަށް ހީވަނީ މިކަން މިހެން ދާއިރުގަ ބެޖެޓު ރިވިއު ކޮމިޓީން ވެސް މިކަމާ ވިސްނާފަ މި އަދަދުތަކަކީ ސައްހަ އަދަދުތަކެއްތޯ ބަލަން ޖެހޭނެ ކަމަށް ވެސް އަޅުގަނޑު ދެކެން."
ހަރަދު ކުޑަކުރުމުގެ ފިޔަވަޅު ނާޅާ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ
އަހްމަދު ރަޝީދުގެ ދެން އޮތް ކަންބޮޑުވުމަކީ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ދައުލަތަށް ދައްކަން ހުންނަ ޓެކުހާއި ކުލި ހޯދުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައި ނެތުމެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ދާދި ފަހުން ފާސްކުރި ޓެކްސް ބޮޑުކުރާ ބިލަށް ތާއީދު ނުކުރެއްވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އާންމުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާތީއެވެ.
"ބަޖެޓު ހަރަދު ކުދަކުރުމުގެ ފިޔަވަޅުތައް ނާޅާ ދައުލަތަށް ދައްކަން ހުންނަ ޓެކްސް އާ ކުލީގެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުމީހާގެ އަތުން ނަގާ ޓެކްސް ބޮޑުކުރާތީ އަޅުގަނޑަށް ވެސް މި ޓެކްސް ބިލަށް ތާއީދު ނުކުރެވެނީ." އަހްމަދު ރަޝީދު ވިދާޅުވިއެވެ.
އެގޮތުން އެކި ގޮތްގޮތުން ދައުލަތަށް 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ އިރު، އެ ހޯދަން ދައުލަތުން އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް، ޓެކްސް ބޮޑުކުރުމުން ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް، އަދި އެމްއެމްޕީއާރުސީ ތެރެއިން ގެއްލިފަހުރި ފައިސާ އާއި ރަށާއި ފަޅުރަށާއި ގިރި ފަދަ ތަންތަން މަސައްކަތްނުކޮށް އަޅުގަނޑުމެންގެ ޓެކްސް ބޮޑުކުރީމަ ރައްޔިތުމީހާގެ މުސާރައެއް ބޮޑެއް ނުވޭ. އޭނާ މި ހަރަދުކުރަން ޖެހީމަ ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭ ދެކޭގޮތް ބަދަލުވާނެ."
"އައްޑޫ ވީމަ އަޅުގަނޑުމެންނަށް މިއީ ހައްގު މިންވަރުތޯ؟"
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އައްޑޫގައި ވެސް ހިންގާނެ ތަފާތު މަޝްރޫއުތައް ޖަހާފައި އެބަހުރި ކަމަށެވެ. ނަމަވެސް ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައިވާ ގޮތުން ކަންބޮޑުވުން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ހަ މިލިއަން ރުފިޔާ އަށް ތިން ހަތަރު މަސްދުވަހުގެ ތެރޭ ނިންމެން އޮތް މަޝްރޫއެއް ތިން އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް ބަޖެޓުގައި ޖަހާފައި އޮތުމުން، އެ މަޝްރޫއު ކުރިއަށް ދާނެ ކަމާ މެދު އަހްމަދު ރަޝީދު ސުވާލު އުފެއްދެވިއެވެ.
"އެހެންނަމަވެސް [ބަޖެޓުގަ] މި ހިމަނާ ގޮތަކީ މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ހަ މިލިއަން ރުފިޔާ އަށް ނިންމޭނެ ތިން ހަތަރު މަސްދުވަސް ނަގާނެ ޕްރޮޖެކްޓެއް. އެހެންނަމަވެސް މި ބަޖެޓުގައި ހިމަނާފަ މިއޮތީ ތިން އަހަރަށް ބަހައިގެން. މިއަންނަ އަހަރު އެންމެ 150،000 ރުފިޔާ، 2024 އަށް 2.4 މިލިއަން ރުފިޔާ. ދެން އަޅުގަނޑު ހިތަށް އަރާ މިއީ ހަމަ ކުރިއަށް ގެންދަން ޖަހާ ބަޖެޓުތޯ، ނޫނީ އަޅުގަނޑުމެން ރައްޔިތުން މި ތިބެނީ ބަޖެޓުގައި ޖެހުނީމަ އުފަލުން ހިނގާނެ ކަމަށް."
އޭނާ ވިދާޅުވި ގޮތުގައި 2020 ގައި އޭނާ ނިސްބަތްވާ ހިތަދޫ މެދު ދާއިރާގައި އޮތް ގިރާ ސަރަހައްދުގައި ތޮށި ލާން ބަޖެޓުކޮށްފައި އޮތް ނަމަވެސް އެ ތޮށިގަނޑުގެ މަސައްކަތެއް ނުފެނެއެވެ. އައްޑުއަށް ސަރުކާރުން ވީ ބައެއް ވައުދުތަކުގެ ތެރޭގައި ހިމެނޭ 8،000 އެނދު ތައާރަފްކުރުމާއި، އައްޑޫގެ ސްކޫލްތަކުން ކިޔަވައިގެން ތިބި ދަރިވަރުންނަށް ވަޒީފާ ދިނުމާއި، ގޭދޮށު މަސް ފެކްޓްރީ އެޅުން ފަދަ އެއްވެސް ވައުދެއް ނުފުއްދޭކަމަށް އަހްމަދު ރަޝީދު ވިދާޅުވިއެވެ.
"އައްޑޫ ވީމަ މިއީ އަޅުގަނޑުމެންނަށް ހައްގު މިންވަރުތޯ؟
"އެއީތޯ އަޅުގަނޑުމެންނަށް ހައްގު މިންވަރަކީ؟ އަޅުގަނޑުމެން މާލެތޯ އަންނަން ޖެހެނީ އަޅުގަނޑުމެން ރަށުގަ ތިބެގެން ވަޒީފާ އަދާކުރާނެ ފުރުސަތެއް ނެތްތޯ އިއްޒަތްތެރި ރައީސް؟ މިއީ ހައްތަހާވެސް އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަންތައްތައް." އަހްމަދު ރަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތަކުން ހުރިހާ ވިޔަފާރިތަކަށް ވަދެ، ކުދި ވިޔަފާރިތައް ބަނގުރޫޓުކޮށްލަނީ!
އަހްމަދު ރަޝީދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ހުރިހާ ވިޔަފާރިތަކަށް ވަންނަމުންދާ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"އެމްއެންޑީއެފުން ސިފްކޯ، ޕޮލިހުން އަނެއް ކުންފުންޏެއް ހަދައިގެން އަޅުގަނޑުމެން ފިހާރަ ހިންގާ ގޮތަށް އެ ދަނީ ވިޔަފާރި ކުރަމުންނޭ އިއްޒަތްތެރި ރައީސް. ރައްޔިތުން ކުރަމުން ގެންދަނީ ކޮން ކަމެއްތޯ؟ އެސްޓީއޯ އެ ހުރީ ސުޕަމާކެޓެއް ހަދާފަ މި ރާއްޖޭގަ ހުރި ހުރިހާ އެއްޗެއް އެތަނަށް ލައިގެން ކުލި ނުދީ ހިންގަނީ، މިއީ އަޅުގަނޑުމެން ދައްކާ ވާހަކައަކީ." އަހްމަދު ރަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުން ވެސް އެހެނިހެން މަސައްކަތްތައް ފަށާފައިވާއިރު، އެމްޓީސީސީން ވެސް ގިނަ މަޝްރޫއުތައް ހިންގަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އަހްމަދު ރަޝީދުގެ ކަންބޮޑުވުމަކީ އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އަސަރުކުރުމެވެ.
"ދިވެހިރާއްޖޭގެ ބިން ހިއްކާ ހުރިހާ ކުންފުނިތައް ބަނގުރޫޓުވެއްޖެ. އެއް ކުންފުންޏަކަށް ހުރިހާ ޕްރޮޖެކްޓްތަކެއް ބިޑަކާ ނުލާ ދިނުމުގެ ސަބަބުން ބިން ހިއްކާ ހުރިހާ ކުދި ވިޔަފާރިވެރިން އެ ދަނީ ފުނޑެމުން. މިއީތޯ މިކަން ކުރަންވާނެ ގޮތަކީ؟"
ހަމަ އެއާއެކު، ދައުލަތުގެ ކުންފުނިތަކަށް މި އަހަރު ވެސް 2.1 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު، އެ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ފައިސާ ދޫކުރާއިރު، އެ ކުންފުނިތައް ޒިންމާދާރުކުރުވަން ޖެހޭ ކަމަށް އަހްމަދު ރަޝީދު ވިދާޅުވިއެވެ. އެހެންނޫނީ ދައުލަތުން ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރެވެނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ކުންފުނިތަކަށް ކަންކަން ނުކުރެވެންޏާ، ނުވަތަ ސަރުކާރަށް މަޝްރޫއުތައް ނުހިންގެންޏާ އެންމެ ރަނގަޅޫ ޕްރައިވަޓައިޒްކޮށްގެން ވިޔަސް މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.