އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުލަތުން ދައުވާކުރި ބަންގްލަދޭޝް އެމްޑީ އަލަމްގިރިގެ މައްޗަށް ކުރި އިތުރު 6 ދައުވާގެ ހުކުމްކުރުން މިއަދަށް ތާވަލު ކޮށްފިއެވެ.

މިއަދު 1 ޖަހާއިރަށް ހުކުމްކުރަން ތާވަލްކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ 6 ދައުވާގެ ހުކުމްކުރުމުގެ ޝަރީއަތެވެ.

މިދިޔަ އޮގަސްޓް މަހު އެއް ޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއެއްގެ ހުކުމް އަލަމްގިރިގެ މައްޗަށް ކޮށްފައިވާއިރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް އެ ފަހަރު ވަނީ ހުކުމްކޮށްފައެވެ. އަދި އޭގެ ފަހުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއަށް 1080 ދުވަސް ނުވަތަ 3 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.

މި މައްސަލާގައި ގާނޫނީ ވަކީލު ނާޒިމް އަބަދުއްސައްތާރުގެ މައްޗަށް ވަނީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައިވާއިރު ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ. އަދި ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒުގެ މައްޗަށް ވަނީ ތިން މަހާއި 10 ދުވަހަށް ޖަލަށް ލުމަށާއި އިތުރު ހަ މަހާއި 20 ދުވަހަށް ގޭ ބަންދުކުރުމަށ ހުކުމްކޮށްފައެވެ.