މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރު ދޫކޮށްލަން ޖެހުނު މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ފަށައިފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ މ. ސެންރޯސްގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައެވެ. އެ ހާދިސާގައި 10 މީހުން މަރުވެފައިވާ ކަމަށް، ސިފައިންނާއި ފުލުހުން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ، ރޭ ހިނގި ހާދިސާ އާ ގުޅިގެން އެ އިދާރާގެ ހަވާލުގައި 13 ދިވެއްސަކާއި 18 ބިދޭސިއަކު ތިބި ކަމަށެވެ. އޭގެ ތެރެއިން ގިނަ ދިވެހިން އާއިލީ މީހުންގެ ގާތަށް ބަދަލުވެއްޖެ ކަމަށާއި، ބާކީ ތިބި މީހުން ގެސްޓްހައުސް ތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އިދާރާ އިން ބުނި ގޮތުގައި، އެ ހާދިސާގެ ސަބަބުން އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިވޭކުއޭޝަން ސެންޓަރެއް މާފަންނު ޓާފް ދަނޑުގައި ގާއިމްކޮށްފައިވާނެއެވެ.

ރޭގެ ހާދިސާ ގައި މަރުވި މީހުންގެ ހަށިތައް ގަލޮޅު މޯޗަރީ އަށް ގެންގޮސްފައިވާ، އިރު ހާލު ދެރަ އެކަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ދެރަވުމުން، ފަރުވާ ހޯދަމުންދާ މީހާ މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ.

އަލިފާން ރޯވި ގަރާޖަކީ، މީގެ ކުރިންވެސް އަލިފާނުގެ ހާދިސާއެއް ހިނގި ގަރާޖެކެވެ. އެ ގަރާޖުގައި އާންމުކޮށް ކުރާ މަސައްކަތަކީ، ކަރަންޓް ނަރު ފަދަ ބާ ނަރު ގަނެގެން އޭގެ ކޮއިލް ދެމުމާއި އެ ޒާތުގެ މަސައްކަތްތަކެވެ.