ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ކޯޓަށް މިއަދު ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ނަޝީދު، ސްރީލަންކާ ތަމްސީލު ކުރައްވާތީ އެއީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމުގައި ވިދާޅުވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހަލާފައިވާ މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށާއި ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެން ކަމަށާއި ނަމަވެސް ނަޝީދުގެ މި އަމަލު، ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ދައުވާގައި ވެއެވެ.
ހަމައެއާއެކު ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާ އިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ނަޝީދު ކޮޕް ސަމިޓަށް ސްރީ ލަންކާ ތަމްސީލް ކުރައްވާ ގޮތަށް ވަޑައިގަތުމާ އެކު ގިން ބައެއް ގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ސްރީ ލަންކާ ތަމްސީލް ކުރައްވާ ގޮތަށް ނަޝީދު ކޕް ސަމިޓަށް ވަޑާއިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ދައުލަތުގެ ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރު ވެސް މިކަމުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.