އިންޑިއާގެ އެންމެ އިތުބާރު ބައިވެރިޔާ، ރަޝިއާ އާއެކު އެގައުމުން ކުރާ ވިޔަފާރި އަހަރު ނިމޭއިރު 30 ބިލިއަން ޑޮލަރަށް އަރާނެ ކަަމަށް ރަޝިއާއިން ބުނެފިއެވެ.

ހުޅަނގުގެ ފިއްތުންތަކާ އެކުވެސް ރަޝިއާއާއި އިންޑިއާގެ ގުޅުން އިތުރު އުސްމިނަކަށް ގެންދެވިފައި ވާ ކަމަށާއި އަހަރު ނިމޭއިރު ވިޔަފާރީގެ މުއާމަލާތް ތަކުގެ ގޮތުގައި 30 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ބުނެއެވެ.

ރަޝިއާއިން އިންޑިއާ އަށް މައިގަނޑު ގޮތެއްގައި ގަންނަނީ ތެލާއި، ކާބޯތަކެއްޗާއި ހަތިޔާރެވެ. އެންމެ ގިނައިން ގަންނަނީ ތެލާއި ހަތިޔާރެވެ.

ހުސްވި ހަފްތާގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖަޔާ ޝަންކަރު ރަޝިއާއަށް ކުރެވި ދަތުރުގައި ރަޝިއާގެ ހާރިޖީ ވަޒީރާއެކު ބޭއްވި ޕްރެސްކޮންފަރެންގައި ވެސް ވިދާޅުވީ ފާއިތުވި އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ދެގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތް 130 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައި ވާ ކަމަށާއި އެއީ ކުރިން ކަނޑައެޅި 17 ބިލިއަން ޑޮލަރުގެ ލަނޑުދަނޑި ހާސިލްވި ހިސާބު ކަމަށެވެ.

ނަމަވެސް މިހާރު އަންދާޒާ ކުރަނީ އަހަރު ނިމޭއިރު 30 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރަން ކަމަށްވެސް 2 ބޭފުޅުން ވިދާޅުވެއެވެ.

އިންޑިއާއިން ރަޝިއާ އާ އެކު އޮންނަ ގުޅުންތައް އިތުރަށް ފުޅާ ކުރަމުން ދާ މި ދަނޑިވަޅުގައި އިންޑިއާ އަށް ފެށޭ އަހަރަކީ މުހިންމު އަހަރެއްވެސް މެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި އިނގުތިސޯދުތައް ބައިވެރިވާ ޖީ20 ގެ ބައްދަލުވުންތައް އޮންނާނީ އިންޑިއާގައެވެ. މިއަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން އަންނަ އަހަރުގެ ނޮވެމްބަރު 30 އަށް އިންޑިއާ އަކީ ޖީ20 ގެ ރިޔާސަތު ބަލަހައްޓާ ގައުމެކެވެ. ޖުމްލަ 55 ޝަހަރެއްގައި 215 ބަންދަލުވުން ބާއްވަން ނިންމާފައި ވާއިރު ޖީ20 ގެ އިންޑިއާ ލޯގޯ އިއްޔެ ވަނީ ލޯންޗް ކޮށްފައެވެ.

ލޯގޯ ލޯންޗް ކޮށްދެއްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރް މޯދީ ވިދާޅުވީ، ޖީ20 އަކީ އިންޑިއާއަށް މުޅިން އާ ބާބެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ، އެއް ހަމައެއްގައި ފައި ހަމަކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އިންޑިއާގެ ޖީ20 ލޯގޯ ރަމްޒު ކޮށްދެނީ ލޮޓަސް މަލެއްގެ މަތީގައި އޮންނަ ދުނިޔެއެކެވެ. "ވަން އާތް، ވަން ފެމިލީ، ވަން ފިއުޗާ" ގެ ޝިއާރުގައި ބާއްވާ ޖީ20 ގެ ބައްދަލުވުން ތަކުގައި ގެސްޓުންގެ ގޮތުގައި ނުވަތަ ދައުވަތު ދޭ ގައުމުތަކުގެ ގޮތުގައި ބަންގްލަދޭޝް، މިސްރު، މޮރިޝަސް، ނެދަލޭންޑްސް، އޮމާންސް، ސިންގަޕޫރު، ސްޕެއިން އަދި ޔޫއޭއީ ބައިވެރިވާނެއެވެ.