އިޓްލޮސްގައި މިހާރު ކުރިއަށްދާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލަ ރާއްޖެ ކޮޅަށް ނިންމުމުގެ ފުރުސަތު ބޮޑުކަމަށް، ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ރޭ ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވަނީ އިޓްލޮސްގެ މައްސަލައިގައި އަޑުއެހުންތައް ނިމި، ދެން އޮތީ ހުކުމް އިއްވުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހުކުމް އިއްވާނެ ސީދާ ދުވަހެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ، ކަނޑުގެ ސަރަހައްދު ފުށޫއަރައިގެން ދެ ގައުމަށް އެއްބަސްނުވެވިގެން މި އުޅެނީ 4،687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަމަށެވެ. ސަބަބަކީ ރިފްއަތު ވިދާޅުވި ގޮތުގައި، މޮރިޝަސް އިން ބަލަނީ ޗާގޯސް ހިމެނޭ ގޮތަށް އޮންނަ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ބޭސްލައިންތައް ބަލަން ފަށާތީއެވެ.
ނަމަވެސް ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާތަކުގެ އަލީގައި ބޭސްލައިން އެޅުމަށްޓަކައި އެ ހަމައަކުން ނުބެލޭނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި މޮރިޝަސް އަށް ކްލެއިމް ކުރެވެން އޮތް މުއްދަތު ފަހަނަހަޅައި ގޮސްފައިވާތީ، އަދި ސައިންސްގެ އަލީގައި އެކަށީގެންވާ ހެއްކެއް ދެއްކިފައި ނުވާކަން މޮރިޝަސް އަށް އެނގޭތީ މިހާރު އެ ގައުމުން ބޭނުންވަނީ ރާއްޖެ އާ ގުޅިގެން ޖޮއިންޓް ކޮންޓިނެންޓަލް ޝެލްފެއް ހުށަހަޅަން ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ކަނޑުގެ މުއާހަދާގެ އަލީގަ އާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، މި މައްސަލަ މޮރިޝަސް އަށް ކާމިޔާބުކުރެވޭނެ ކަމަކަށް ފެނިވަޑައިނުގަންނަވައެވެ.
"އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެން މި މައްސަލައިގަ މަސައްކަތް ކުރީ ރާއްޖޭގެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި،" ރިފްއަތު ވިދާޅުވިއެވެ.
ދިވެހިރައްޔިތުންނަށް ވަގަށް ޗާގޯސް ވިއްކާލާފަ ދެން ކޮންވާހަކައެއް މިދައްކަނީ؟