އައްޑޫ ތަރައްޤީކުރެވޭނީ އިންޑިއާ ކިބައިން މިނިވަންވެގެން ކަމަށް ކުރީގެ ރައީސް އަބްދު ﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރަވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫ މީދޫ އަދި ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އައްޑޫގައި އަޅާފައިވާ ޕޮލިސް އެކަޑެމީއަކީ ސީދާ ދިގު މުއްދަތަށް އައްޑޫގައި ތިބުމަށް އިންޑިއާއިން އަޅާފައިވާ ތަނެއް ކަމަށާއި އެއީ އެ ނޫން މަގުސަދެއްގައި ބިނާކުރި ތަނެއް ކަމުގައިވާނަމަ އެތަން ދިވެހި ސަރުކާރާ ހަވާލުކުރަންވީ ކަމަށެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓުން ނުވަތަ ރާއްޖެ މިހާރު އޮތް އަޅުވެތިކަމުގެ ހާލަތަށްވުރެ ބޮޑަށް އަޅުވެތި ހާލަތަށް ދާނީތޯ ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށެވެ.

،މީގެ އިތުރުން އެކަމުގައި އައްޑޫ ސިޓީން މިސާލުދައްކައިފިނަމަ އެކަމުން މުޅި ރާއްޖެއަށްވެސް ހިތްވަރު ލިބިގެންދާނެ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހެރެތެރެއާއި ޝަންގުރިއްލާ ފަދަ ރިސޯޓުތައް ހުޅުވުމަށް ހަތަރު އަހަރުގެ މުއްދަތަކީ ކުޑަ މުއްދަތެއް ނޫންކަން ކަމަށާއި އެކަން މި ސަރުކާރަށް އެ މުއްދަތުގައި ނުކުރެވުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.